ރާއްޖޭގައި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރަން ސައުދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.
ރާއްޖޭގައި ހުންނަ އެ ގައުމުގެ އެންބަސީން ބުނީ ސައުދީގެ އިންވެސްޓްމަންޓާ ބެހޭ މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރު ސާރާ އަލް ސައީދާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި އަމިއްލަ ބައެއް ކުންފުނިތަކުގެ އޮފިޝަލުންތަކެއް ހިމެނޭ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށެވެ.
އަދި ދަތުރަކީ ދެ ގައުމު ގުޅިގެން ހިންގިދާނެ އިންވެސްޓްމަންޓްގެ އެކި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރަން ކުދާ ދަތުރެއް ކަމަށް ވެސް އެމްބަސީން ބުންޏެވެ.
ސައުދީ އަކީ ރާއްޖެއާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް ބާއްވާ ރާއްޖޭގެ ތަރައްގީގެ އެކިއެކި ކަންކަމަށް ވެސް އެހީވަމުން އަންނަ ގައުމެކެވެ. ރާއްޖެ އާއި ސައުދީއާ ދެމެދު އިގުތިސާދީ ދާއިރާއިން ގުޅުން ހަރުދަނާކޮށް، ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން އެއްބަސްވުމެއްގައި މިދިޔަ އަހަރު ވެސް ސޮއިކޮށްފައިވެއެވެ.
ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅޫން ގާއިމުކުރީ މާޗް 17، 1981 ގައެވެ.