ތޫފާން ދީތުވާގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާ ސްރީ ލަންކާއަށް އެހީވުމަށް ބޭއްވި “ސިލޯނާއެކު ދިވެހީން” ޓެލެތޯންގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން 250,000 ރުފިޔާ ހަދިޔާކޮށްފި އެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ ދަށުން، އެމް.އޭ.ސީ.އެލްގެ މެނޭޖްމަންޓާއި މުވައްޒަފުން ގުޅިގެން 250,000 ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ. އަދި އެމްއޭސީއެލް އިން ވަނީ މި ހާދިސާގައި ހާލުގައި ޖެހުނު ހުރިހާ ފަރާތްތަކަށް ހަމްދަރުދީ ވެސް ފޮނުވާފަ އެވެ.
37 މީޑިއާއެއް ގުޅިގެން ބޭއްވި ސިލޯނާއެކު ޓެލެތޯން ފެށީ ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ. ޓެލެތޯން ނިންމާލީ މިއަދު މެންދުރުފަހު 14:00ގައެވެ. މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މިގޮތުން އެންމެ ފަހުން ޙާއްސަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ޓެލެތޯންއަށް ޖުމުލަ 11.4 މިލިޔަން ރުފިޔާ އާއި 43،000 ޑޮލަރު ވަނީ ލިބިފައެވެ.
ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.