ތޫފާން ދީތުވާގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާ ސްރީ ލަންކާއަށް އެހީވުމަށް ބޭއްވި ޓެލެތޯންގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ވަނީ 350،000 ރުފިޔާ ހަދިޔާކޮށްފި އެވެ.
އެމްޕީއެލްއިން ބުނީ، މި ފައިސާއަކީ ކުންފުނިން ހަދިޔާކުރި ފައިސާ އާއި ހުރިހާ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި ފައިސާކަމަށެވެ.
މި ޓެލެތޯންގައި އެމްޕީއެލްގެ 3 ސަރަހައްދެއްގައި ފަންޑް ފޮށި ވެސް ބެހެއްޓިއެވެ. އެއީ އެމްޕީއެލް ހެޑް އޮފީސް، މާލޭ ނޯތު ހާބަރ އަދި މާލޭ ސައުތު ވެސްޓް ހާބަރ (ޓީ-ޖެޓީ) ސަރަހައްދުގައެވެ.
37 މީޑިއާއެއް ގުޅިގެން ބޭއްވި ސިލޯނާއެކު ޓެލެތޯން ފެށީ ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ. ޓެލެތޯން ނިންމާލީ މިއަދު މެންދުރުފަހު 14:00ގައެވެ. މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މިގޮތުން އެންމެ ފަހުން ޙާއްސަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ޓެލެތޯންއަށް ޖުމުލަ 11.4 މިލިޔަން ރުފިޔާ އާއި 43،000 ޑޮލަރު ވަނީ ލިބިފައެވެ.
ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.