ހިޔާ ފްލެޓާއި ވިނަރެސްއާ ގުޅޭ މަސައްކަތްތަކަށް ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނުތަކަށް ލުއިދިނުމަށް އަންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބީއެމްއެލްއިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުތަކެއްކަމަށެވެ. މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް އެބޭންކާއެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ރައީސް އަންގަވާފަވަނީ، މި ލޯނުތަކުގެ އިންޓްރެކްސް ރޭޓުތައް ލުއި ކޮށްދިނުމަށެވެ. އެގޮތުން ހިޔާ ފްލެޓްތަކުގެ ފިނިޝިން ލޯނަށް މިހާރު ކަނޑައަޅާފައިވާ އިންޓަރެސްޓް ރޭޓް 12 އިންސަތަ އިން 10 އިންސަތަ އަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހަދައި ދެއްވުމަށް ބީއެމްއެލްއަށް ވަނީ ދަންނަވާފަ އެވެ. އަދި ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ އިންޓަރެސްޓް ރޭޓް 9 އިންސައްތައިން 8 އަށް ކުޑަ ކުރުމަށް ރައީސް ވަނީ އަންގަވާފަ އެވެ.
އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް އަތޮޅުތަކުގައި ހުރި ހައުސިން ޔުނިޓްތަކުގެ މަހު ކުލި ވަނީ، 3،330 ރުފިޔާއަށް ކުޑަކުރައްވާފައެވެ. އަދި ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 6،300 އިން، 3984 ރުފިޔާއަށް ވަނީ ކުޑަކުރައްވާފަ އެވެ.
ވިނަރެސްގެ ޑައުންޕޭމަންޓާއި، ކުލިވެސް ރައީސް ކުޑަކޮށްދެއްވި އެވެ. އެގޮތުން ވިނަރެސް ސްކީމުން ދޫކުރި ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 އިންސަތަ އަށް ކުޑަކޮށް، ކުލީގެ އަދަދު އެވަރެޖްކޮށް 4،200 ރުފިޔާ ކުޑަވާ ގޮތަށް ބަދަލުކޮށްދެއްވި އެވެ. މީގެއިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހައުސިންގ ޔުނިޓުތަކުގެ ކުލިން 20 އިންސަތަ ކުޑަ ކޮށްދެއްވި އެވެ.