އަންހެނުންގެ ކުރިއެރުމަށް އޮތް މައިގަނޑު އެއް ހުރަހަކީ އަންހެނުންނަށް އެކި ގޮތްގޮތުން ކުރާ އަނިޔާ ކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިިން ވިދާޅުވީ، “ރެހެންދި އެވޯޑް” ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާލުވީ އަންހެނުންގެ ކުރިއެރުމަށް އޮތް މައިގަނޑު އެއް ހުރަހަކީ އަންހެނުންނަށް އެކި ގޮތްގޮތުން ކުރާ އަނިޔާކަން ފާހަގަކުރައްވާ މިކަން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރޭގައި، ހާއްސަ އިސްކަމެއްދީގެން ގާނޫނުތަކާއި ގަވާއިދުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މި އިސްލާހުތަކުގެ ތެރެއިން މިހާރު އުފެދެމުން އަންނަ މައްސަލަތަކަށް ރިޢާޔަތްކޮށް ގާނޫނީގޮތުން އަންހެނުންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތައް އެޅިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިޔާތުގައި ވާހަކަފުޅުދަށްކަމުން ޑރ. ޢާއިޝަތު ޝިހާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރާއްޖޭގެ ކަންކޮޅުތަކުގައިވާ ގިނަ އަންހެނުންގެ އަޑު އައްސަވާ، ހާލަތު ދެނެވަޑައިގެންނެވިކަމަށެވެ. އަދި އިގްތިސާދީ ގޮތުން ކުރިއެރުމަށް ހުރި ދަތިތަކުގެ ވާހަކަތައް އޮޅުން ފިލުއްވިކަމަށެވެ. މި މަސައްކަތުގެ ތެރެއިން އެންމެ ފާހަގަވެގެންދިޔަ އެއްކަމަކީ ވިޔަފާރި ފެއްޓުމަށް ނުވަތަ ފުޅާކުރުމަށް އަންހެނުންނަށް ހުރި ދަތިތައްކަމަށާއި، ވެރިކަމަށް ވަޑައިގެން އެކަންކަމަށް ހައްލު ހޯއްދެވުމަށް މުހިންމު މަސައްކަތްތަކެއް ރައީސް ކުރެއްވިކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ގައުމު ބިނާކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް، ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށެވެ. އަދި މި ސިޔާސަތާއި އެއްގޮތަށް ޢައްޔަންކުރެވޭ މަޤާމްތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރެވިފައިވާކަން ފާހަގަކުރައްވާ އެކަމުގެ ބައެއް ތަފްސީލު ވަޒީރު ހިއްސާކުރެއްވިއެވެ.