ރަސްމާލެ ހިއްކާ ނިމޭއިރު، އެތަނުން ގޯތި ލިބޭ މީހުންގެ ލިސްޓު އޮންނާނީ ކަނޑައަޅާ ނިމިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީން ރޭ ބޭއްވި ބޮޑު އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންގޮސް ފަސްމަސް ދުވަހުގެ ތެރޭގައި ބިންހިއްކާ ނިމޭނެ ކަމަށެވެ. އެ މަސައްކަތް ނިމުމުގެ ކުރިން އެތަނުން 15،000 ގޯތި ލިބޭ މީހުން ކަނޑައެޅިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމާއި ގުޅޭ އުސޫލުތައް އަންނަ ހަފުތާގައި އާންމު ކުރާނެކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، މާލޭގެ ރަށްވެހިންނާއި މާލޭގެ ރައްޔިތުން ހިމެނޭ ގޮތަށް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ އެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 24 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ. ގެދޮރުވެރިކަމުގެ އިތުރުން އެ ސަރަހައްދު ބޭނުންކުރާނީ، ސިނާއީ ބޭނުންތަކަށާއި މެރީނާގެ ބޭނުމަށެވެ.
މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރޭ ރައީސް ވިދާޅުވީ، ޕްރައިވެޓް ސެކްޓާ ކުންފުނިތަކާ ހަވާލުކޮށްގެން އެކި ރަށްރަށުގައި 825 ހައުސިން ޔުނިޓުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އިތުރު 16 ރަށެއްގައި 1،100 ހައުސިން ޔުނިޓު ތަރައްގީ ކުރާނެކަމަށެވެ.
މީގެއިތުުރުން، އެމަނިކުފާނުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި ބީއެމްއެލްއާ ހަވާލުކޮށް 3000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު އިތުރު 4500 ހައުސިން ޔުނިޓުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފައްޓަވާނެމަށް ރައީސް ވިދާޅުވި އެވެ.