އަންނަ ރޯދަމަހު ކަރަންޓު ބިލުތައް 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި ޕީއެންސީގެ ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ ރޯދަމަހުވެސް ކޮންމެ ގޭބިސީއަކަށް މަސް ދަޅުކޭސް ލިބޭނެ ކަމަށެވެ. އަދި ރޯދަމަހު ޑޮމެސްޓިކް ރޭޓުގައި ބިލުކުރާ ކޮންމެ ބިލަކަށް ނަގާނީ 400 ރުފިޔާއަށްވުރެ ދަށުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބިލުގެ ބާކީ ބައި ޑިސްކައުންޓުގެ ގޮތުގައި ހައްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“ކޮންމެ ރަަމަޟާން މަހަކުވެސް އަޅުގަނޑުމެން ރައްޔިތުންނަށް އެބަ ހަދިޔާ ދެން، ނޫނިއްޔާ ކަންތައްތަކެއް އެބަ ފަހިކޮށްދެން. ހަަމަ އަންނަ ރޯދަމަހުވެސް މަސްދަޅު ކޭސް ލިބޭނެ. އޭގެއިތުރަށް ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން އަންނަ ރަމަޟާން މަހު ނަގާނީ 400 ރުފިޔާ. އެއީ ގިނަވެގެން. ބާކީ ބައި ޑިސްކައުންޓް” ރައީސް ވިދާޅުވި އެވެ.
މިދިޔަ ރޯދަ މަހު ވެސް ކަރަންޓު ބިލުން ބޮޑު ޑިސްކައުންޓެއް ދިނެވެ.ކަރަންޓު ބިލު ޑިސްކައުންޓުގެ އިތުރުން، މިދިޔަ ދެ އަހަރުވެސް ސަރުކާރުން ވަނީ ރޯދަމަހާއި ދިމާކޮށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ހަދިޔާ ދީފައެވެ. އެގޮތުން މިއަހަރު ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސް ދަޅު ކޭސް ބަހާފަވެއެވެ. ކޮންމެ ގެއަކަށް 48 ދަޅުގެ މަސްދަޅު ކޭސް ބަހާފަވާއިރު، އެކަމަށް 81 މިލިއަން ރުފިޔާ ހޭދަކޮށްފަވެ އެވެ.
މިދިޔަ އަހަރު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބަހާފަވަނީ ހަނޑޫ އަދި ފުއް ބަސްތާއެވެ. އެގޮތުން 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ސަރުކާރުން ހަދިޔާ ކުރި އެވެ.