ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ޕާޓީ (ޕީއެންސީ) އިން މިރޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު މާލެ އައިސްފި އެވެ.
މި ޖަލްސާ އޮންނާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ. މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވައެވެ. ޖަލްސާގައި ހަމައެކަނި ވާހަކަފުޅު ދައްކަވާ ގޮތަށް ވެސް ހަމަޖެހިފައި އޮތީ ރައީސް ޑރ. މުއިއްޒެވެ. މިއީ ޕީއެންސީން މިހާތަނަށް ބާއްވާ އެންމެ ބޮޑު ޖަލްސާއެވެ.
މި ޖަލްސާގައި ބައިވެރިވުމަށް މިދިޔަ ބުދަ ދުވަހުން ފެށިގެން މީހުން ވަނީ މާލެ އަންނަން ފަށާފަ އެވެ. އޭގެ ތެރޭގައި އާބާދީ ބޮޑު ބޮޑެތި ސިޓީތައްވެސް ހިމެނެއެވެ. އެނގިފައިވާ ގޮތުގައި އެންމެ ގިނަ ބަޔަކު އަންނަނީ އައްޑޫ ސިޓީންނެވެ. އައްޑޫ ސިޓީއާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫން އެކަނި ވެސް މިއަދު 256 މީހުން މާލެ އައިސްފައިވެއެވެ. އުތުރާއި މެދު ރާއްޖެތެރޭގެ ރަށްރަށުންވެސް ގިނަ ބަޔަކު އައިސްފައިވާއިރު އެންމެ ގިނަ ބަޔަކު އައިސްފައިވަނީ ނައިފަރުންނެވެ. އެރަށުން 500 އަށްވުރެ ގިނަ މީހުން ވަނީ މާލެ އައިސްފަ އެވެ.
އަދިވެސް އެކި ރަށްރަށުން މީހުން ދަނީ މާލެ އަންނަމުންނެވެ.
ޖަލްސާއާ ގުޅިގެން މިރޭ އިރުއޮއްސި 18:00 އިން ފެށިގެން ހަރަކާތް ނިމެންދެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ފުލުހުން ވަނީ ނިންމާފަ އެވެ. އެގޮތުން ސަލްމާން މިސްކިތުން ފެށިގެން އޮކްސިޖެން ރެސްޓޯރަންޓާ ހަމައަށް އުޅަނދުފަހަރު ނުދުއްވޭ ގޮތަށް ބަންދު ކުރާނެ އެވެ. އަދި ހެންވޭރުގެ ބައެއް މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ދުއްވުން ވެސް މަނާ ކުރަން ވަނީ ނިންމާފަ އެވެ.