އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމް (އައިއެންއޭއެޗް) ގެ ދަށުން 3،000 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ބިން ހަވާލުކޮށްފި އެވެ.
ރާއްޖޭގައި ކުޑަ އަގުގައި ގެދޮރު ހޯދުމުގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓް ފެށުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ. އެ ޕްރޮޖެޓްގެ އެއް ބަޔަކީ، މާލީ އިދާރާތަކާ ގުޅިގެން ހައުސިންގ ޔުނިޓްތައް ތަރައްގީކޮށް، ލީސް-ޓު-އޯން (ކުލި ދައްކައި ހަލާސްކުރުމުން މިލްކުވުން) މޮޑެލްގެ ދަށުން އާންމުންނަށް އެ ޔުނިޓްތައް ހުޅުވާލުމެވެ.
ގެދޮރުގެ މިލްކުވެރިކަމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި، އެމްއެމްއޭގެ އާ ގަވާއިދުގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކްތަކުން ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ ނިސްބަތެއް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމަށް ހާއްސަކުރުމަށް ލާޒިމުކުރެއެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމަށްޓަކައި، ބީއެންއެލްއިން ވަނީ، އިސްލާމިކް ފައިނޭންސިން އުސޫލުން ލޯނު ދޫކުރުމަށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގެ 100 އިންސައްތަ ހިއްސާ ހިމެނޭ އައު ސަބްސިޑިއަރީއެއް އުފައްދައި ރަޖިސްޓަރީކޮށްފަ އެވެ.
ބީއެމްއެލްއަށް ބިން ހަވާލުކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބާއި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާމްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި މުހިއްމު މަޝްރޫއަށް ހަރުދަނާ ގޮތެއްގައި ބީއެމްއެލްއިން އެހީތެރި ވަނީ ޒިންމާދާރު ކަމާއި ފަހުރުވެރިކަމާއެކުކަމަށް އޭނަ ވިދާޅުވި އެވެ.
“މިއީ، މި ސްކީމް ކުރިއަށްގެންދިއުމަށާއި ދިވެހި އާއިލާތަކަށް ދިރިއުޅުމަށް ލުއިފަސޭހަ އަދި އަތްފޯރާ ފަށުގައި ގެދޮރުވެރިވެވޭނެ ހައްލުތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެގޮތުން އެޅުނު މުހިންމު ފިޔަވަޅެއް. އެހެން ޕްރޮޖެކްޓްސް ތަކެކޭ އެއްގޮތަށް މި ޕްރޮޖެކްޓް ހިންގުމުގައި ވެސް ބޭންކުން މަސައްކަތް ކުރާނީ ހިއްސާދާރުންނާއި ކަސްޓަމަރުންގެ މަސްލަހަތު ރައްކާތެރިކުރުމަށާއި ގަވާއިދުތަކަށް ފުރިހަމައަށް ތަބާވުމަށާއި ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް އަމަލުކުރުމަށް.” ޝަރީފް ވިދާޅުވި އެެވެ.
ޝަރީފް ވިދާޅުވީ، ލީސް-ޓު-އޯން މޮޑެލްގެ ދަށުން އަލަށް ގެދޮރުވެރިންނަށް ވާން ބޭނުންވާ ފަރާތްތަކަށް ބޭންކުން ފައިނޭންސްކޮށްގެން ތަރައްގީކުރާ މި ޔުނިޓްތައް އިމާރާތްކުރާނީ ގާބިލު އަދި ތަޖުރިބާކާރު ޑިވެލޮޕަރުންނާ ހަވާލުކޮށްގެންކަމަށެވެ. ބޭންކުން މި މަޝްރޫއު ކުރިއަށް ގެންދާނީ، ގެދޮރުގެ މިލްކުވެރިކަން ހޯދޭނެ ގޮތަށް، ހަރުދަނާ އޮނިގަނޑަކަށް ފެތޭ އަދި ލުއިފަސޭހަ ގޮތަކަށްކަމަށް ޝަރީފް ވިދާޅުވި އެވެ. މި ޔުނިޓްތަކަށް މަހު ކުލި ދައްކަމުންގޮސް ޖުމްލަ އަދަދު ދައްކާ ހަލާސްކުރުމުން އެ ތަނުގެ މިލްކުވެރިކަން ބަދަލުކުރެވޭނެކަން އޭނަ ފާހަގަކުރެެއްވިއެވެ.