މިއަދު ފެށި “އޮޕަރޭޝަން އަލިމަގު”ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 90 އަށް ވުރެ ގިނަ މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަނަކީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެކެވެ. އޮޕަރޭޝަން އަލިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، މި އޮޕަރޭޝަން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށްދާނެ ކަމަށާއި މި މަސައްކަތަކީ ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައި ފުލުހުންގެ ހުރިހާ ބަހާތަކެއް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
މިވަގުތާ އަމައަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ 90އަށް ވުރެ ގިނަ މީހުން މިވަނީ ހައްޔަރުކޮށްފަ. 100އަށް ވުރެ ގިނަ ތަންތަން އޭގެ ތެރޭގައި ގެތަކާއި އެ މީހުންނާ ގުޅުން ހުރި ވިޔަފާރިކުރާ ތަންތަނާއި މަސްތުވާތަކެތި ސްޓޯރކުރަން ގެންގުޅޭ ތަންތަން ބަލާފާސްކޮށްފައިވޭ. އަޅުގަނޑުމެންނަށް ގިނަ އަދަދެއްގެ ފައިސާ އާއި ޤަވާޢިދާ ޚިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ސިނގިރެޓާ އަދި މަސްތުވާތަކެތީގެ އެކި ބާވަތްތައް މި އޮޕަރޭޝަންގަ މިދަނީ ނަގަމުން. އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް އެ ވިޔަފާރި ކުރުން ހުއްޓާލުމަށްވެސް އެދިފައެވެ. އަދި މިއަދުން ފެށިގެން އެ ފުރުސަތު ނުދެއްވާނެ ކަމަށާއި ރާއްޖޭގައި މިކަމުގަ އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
އެހެންކަމުން އަޅުގަނޑު އެދޭ އެދުމަކީ މިކަމުގަ އުޅޭ ކުދިންވެސް މިކަން ހުއްޓާލާފަ އެހެން ކަމަކާވެގެން އުޅުމަށް. މިކަން ކުރާކަމަށްވަންޏާ ރާއްޖޭގައި އުޅެން އުނދަގޫވާ ވަރަށް މިކަން ކުރިއަށް ގެންދާނަން. ރާއްޖޭގައި ޑްރަގުގެ ވިޔަފާރިއެއް ދެނެއް ނުކުރެވޭނެ. މިކަމުގެ ތެރޭގައި އުޅޭ މީހުންނަށް ޤާނޫނުން އެޅެން ހުރި އެންމެ ކހަރުކަށި ފިޔަވަޅު އަޅާނަން. އިހުސާން ވިދާޅުވި އެވެ.
މިއަދު ފެށި އޮޕަރޭޝަނަކީ ފެށުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ފުލުހުން ހުއްޓާލާނީ މސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން އެކަން ކުރުން ހުއްޓާލާ ހިސާބުން ކަމަށެވެ. މި މަސައްކަތުގައި ދިވެހި ފުލުހުން 24 ގަޑި އިރު މަސައްކަތް ކުރާނެ ކަމަށާއި ރައްޔިތުން އެދޭފަދަ މާހައުލެއް ގާއިމްކުރުމުގަ ފުލުހުން ދެމިތިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
އިހުސާން ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުން ހުންނަ ކަންކަމުގަ ހައްޔަރުކުރާ ފަރާތްތަކަށް އެއްވެސް ލުޔެއް ނުދިނުމަށް ތަކުރާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާ ކަމަށެވެ.
“އޮޕަރޭޝަން އަލިމަގު” އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެކެވެ.