ސިއްޚީ ވުޒާރާއިން ގެނައުމަށް ނިންމާފައިވާ 56 އެމްބިއުލާންސްގެ ތެރެއިން 18 އެމްބިއުލާންސެއްގެ އިންސްޕެކްޝަންތައް ފުރިހަމަކޮށް ރާއްޖެ ގެނައުމަށް ތައްޔާރުވެއްޖެއެވެ.
މި އިންސްޕެކްޝަންތައް ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހެލްތު މިނިސްޓްރީ ހިމެނޭ ޓީމަކުން ދުބާއީގަ އެވެ. މި އިންސްޕެކްޝަންތަކުގައި، ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ އެމްބިއުލަންސްތަކުގެ ފެންވަރާއި، ބޭނުންވާ މިންގަނޑުތަކަށް ފެތޭތޯ ބަލާފައިވާ ކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ.
އެއާއެކު އެ 18 އެމްބިއުލާންސްގެ ބެޗު ރާއްޖެއަށް ގެނައުމަށް ތައްޔާރުވެފައިވާ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
މި އެމްބިއުލާންސްތައް ރާއްޖެ ގެންނަނީ ސިއްޚި ނިޒާމު އިތުރަށް ހަރުދަނާކޮށް ސިއްޚީ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށް ސިއްޚީ ވުޒާރާއިން މީގެ ކުރިން ބުނެފައިވެއެވެ.
އެގޮތުން މުޅި ޖުމްލަ 56 އެމްބިއުލާންސް ވީހާވެސް އަވަހަކަށް ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.