ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންގެވުމަށް، މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.
މިކަން ހާމަކުރައްވާ ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ، ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިޔަށްގެންދާ އޮޕަރޭޝަނެއްކަމަށެވެ. މިއަދު އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަން ބަލާ ފާސްކުރާ އޮޕަރޭޝަނެއް ފުލުހުން ހިންގާނެކަމަށާއި މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެކަމަށް ރައީސް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި ގިނަ ފިޔަވަޅުތަކެއް މިހާތަނަށް އަޅާފައިވާއިރު، ގާނޫނީ ރައްކާތެރިކަން ލިބޭގޮތަށް، ގާނޫނީ ފިޔަވަޅުތަކާއެކު، ފަރުވާ ދިނުމާއި އަދި މުޖުތަމައަށް އަނބުރާ ގެނައުން ހިމެނޭ ގޮތަށް، ގައުމީ އޮނިގަނޑެއް އެކުލަވާލައި ތަންފީޒުކުރެވެމުންދާކަން މީގެ ކުރިން ރައީސް ހާމަކުރައްވާފައިވެއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އިސްކަންދީގެން ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުން ސަލާމަތްކުރުމަށް އަމާޒުކޮށް ނ. ވެލިދޫ، ކ. ކާށިދޫ، އަދި، ލ. ގަމުގައި ރީހެބިލިޓޭޝަން ސެންޓަރުތައް ވަނީ ގާއިމުކޮށްފައެވެ. އަދި ފަރުވާ ފުރިހަމަކުރުމުން އަނބުރާ މުޖުތަމައަށް އައިސް، ވަޒީފާގެ މާހައުލަށް ނުކުމެ، މަސްތުވާތަކެއްޗަށް އަނބުރާ ނުދިޔުމަށް ދޭންޖެހޭ ފަރުވާ އާއި އަޅާލުން ދިނުމުގައި ދައުލަތުން ބުރަ މަސައްކަތްތަކެއް ކުރާނޭކަމުގެ ޔަގީންކަން ރައީސް މީގެ ކުރިން ދެއްވާފައިވެއެވެ.