މުޅި ރާއްޖޭގެ ސިއްހީ ހާލަތު ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ހެދުމުގެ މަސައްކަތް ފެށޭނެކަން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ހާމަކުރައްވައިފި އެވެ.
ވަޒީރު މިކަން ހާމަކުރެއްވީ، މި ދިރާސާ ހެދުމަށް ޔުނިސެފާއެކު ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަލްޓިޕްލް އިންޑިކޭޓަރ ކްލަސްޓަރ ސަރވޭގެ ނަމުގައި ކުރިއަށްގެންދާ މި ދިރާސާއަކީ، މިނިސްޓްރީއާއި ޔުނިސެފް މޯލްޑިވްސް ކަންޓްރީ އޮފީހާއި ގުޅިގެން ކުރިއަށްގެންދާ ދިރާސާއެކެވެ.
މި ދިރާސާ ކުރިއަށް ގެންދިއުމަށް އެކަމުގެ ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. އެވުޒާރާގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ، ވަޒީރު އަބްދުﷲ ނާޡިމް އިބްރާހިމެވެ. ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ، ހާއްސަ މަންދޫބު ޑރ. އެޑްވަރޑް އަޑާއީއެވެ.
ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިއްހީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވީ، ގައުމުތަކުގެ އިގުތިސާދު ކުރިއަރުވައި، ސިޔާސަތުތައް އެކުލަވާލުމުގައި ތަފާސްހިސާބަކީ މުހިންމު އެއްޗަކަށްވާއިރު، ސިއްހީ ދާއިރާއިން މިގޮތަށް އެއްކޮށްފައި ހުރި އަދާހަމަ ތަފާސްހިސާބެއް ނެތް ކަމަށެވެ.
އެހެންކަމުން އަލަށް ހަދައި ދިރާސާއާއެކު ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމަށާއި، ފެންވަރު ރަނގަޅުކުރަންވީ ކަންކަން ދެނެގަނެވި، ދެމެހެއްޓެނިވި ތަރަގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ކްލަސްޓަރ ސަރވޭއަކީ ބައިނަލްއަގުވާމީ ފެންވަރުގައި އާބާދީއާއި ސިއްހަތާ ގުޅުންހުރި މިންގަނޑުތަކާއި އާބާދީގެ މައިގަނޑު ސިއްހީ ހާލާތާއި، ސިއްހީ ހިދުމަތްތަކުގެ ހާލަތު ދެނެގަތުމަށް ކުރާ ދިރާސާއެއް ކަމަށެވެ. އަދި މިއީ ޔުނިސެފްގެ އެހީގައި ވަރަށް ގިނަ ޤައުމުތަކުގައި ކުރާ ދިރާސާއެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.