ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ސާވިސް ލައިންތަކާއި، ޑްރެއިނޭޖް ސިސްޓަމްތައް ހަރުކުރުމާއި، ސައިޑްވޯކް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށެެވެ. އަދި ސަބް ބޭސްގެ މަސައްކަތް މި ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގު 4 ލޭނަށް ތަރައްގީކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ފެން ހިންދާ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ. މި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއަށް ދެވިފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ މުއްދަތެކެވެ.
މި އިންގިލާބީ މަޝްރޫއުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށް މަގު ފަހިވެގެންދާނެ ކަމަށާއި މަގުތައް ފުޅާ ކުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހުން ކުޑަވެ، ބޯކޮށް ވާރޭ ވެހޭ ވަގުތުތަކުގައި ފެންބޮޑުވުން ކުޑަވެ، މަގު ބޭނުންކުރާ މީހުންނަށް ރައްކާތެރި އިންފްރާސްޓްރަކްޗާ ލިބޭނެއެވެ.