ކުރިޔަށް އޮތް ފަސް މަސް ދުވަސްތެރޭ ރަސްމާލޭން 15،000 ގޯތި ދޫކުރަން އިއުުލާންކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ހެންދުނު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ގައުމާ މުހާތަބުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްް ވަނީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން ގެންދާ އަދި ދާދި އަވަހަށް ހުޅުވާލާނެ ބައެއް ފުރުސަތުތަކުގެ ހުލާސާއެއް ހިއްސާކުރައްވާފައެވެ.
މާލޭ ސަރަޙައްދުގެ ބިން އިތުރުކުރުމަށް ބާރު ދުވެލީގައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ، 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކާ ބިމުން 15000 ގޯތި ދޫކުރުމަށް އިއުލާންކުރާނެކަމަށް ވިދާޅުވެފައެވެ. އަދި މާލެ ސަރަޙައްދުގައި 3000 ހައުސިންގް ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތް ފެށޭނެ ކަމަށާ، އިންޑިއާގެ ލައިން އޮފް ކްރެޑިޓުން އިތުރު 4000 ހައުސިންގް ޔުނިޓް ހަމަޖެހިފައިވާކަމުގައި އެމަނިކާފުނު ފާހަގަކުރެއްވިއެވެ. މިކަންކަމުގެ ތަފްސީލުތައް ދާދި އަވަހަށް ހިއްސާކުރައްވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށްކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަނީ، ބިންހިއްކުމުގެ މަޝްރޫއު ނިމެންވާއިރަށް، ގޯތި ލިބޭނެ ފަރާތްތައް ކަނޑައަޅައި ނިންމެވުމަށްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މާލޭ ސަރަޙައްދުގައި ބިންހިއްކުމުގެ މަޝްރޫއުތައް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، ކުރިއަށް އޮތް ޑިސެމްބަރު މަހަކީ މި ދުވެލި އިތުރަށް ބާރުވެގެންދާނެ މަހެއްކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން، ޑިސެމްބަރު މަހު ގެނެވޭ އިތުރު ޑްރެޖަރުތަކާއެކު، ރަސްމާލޭ ބިންހިއްކުމުގެ ދުވެލި، 3 ގުނަ ހަލުވިވެގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.