ދިވެހިން ފަހުރުވެރިވާނޭ ތަމައްދުނާއި ތަރައްގީގެ އުޖާލާ ދުވަސްތައް މިގައުމަށް ހޯއްދަވައިދެއްވާނެކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައި ރައީސް ވިދާޅުވީ، “ދިވެހީންގެ ރާއްޖެ” ދިވެހީންނަށް ހޯދައިދީ ރައްޔިތުން އެދޭ އަމާޒުތައް ހާސިލްކޮށްދިނުމަށް މި ސަރުކާރުން ފެށި ދަތުރުގައި ކުރިއަށް ދާނީ މާތްﷲގެ ހަޒްރަތުން ވާގި އެދިތިބެ، އިހްލާސްތެރިކަމާއެކުގައި ކަމަށެވެ.
ރައީސް ވަނީ ދިވެހި ރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ރައްޔިތުން ފަހުރުވެރިވާނޭ ތަމައްދުނާއި ތަރައްގީގެ އުޖާލާ ދުވަސްތަކެއްނގައުމަށް ހޯދައިދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފަ އެވެ.
ޖުމްހޫރީ ދުވަހަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމުކުރެވުނު ދުވަހެވެ. ރާއްޖޭގެ ވެރިކަން، ރަސްކަމަކުން ޖުމްހޫރިއްޔަތަށް ބަދަލުވެފައިވަނީ 1968 ވަނަ އަހަރުގެ ނޮވެންބަރު 11 ގައެވެ.