ވިޔަފާރިއާއި އިގްތިސާދު ކުރިއެރުވުމުގައި ބައި ގަރުނަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ސ. ހުޅުދޫއަށް އުފަން މ. ޝުއާޒް، މުހައްމަދު ސާލިހަށް ނިޝާން މުލީގޭ އިއްޒަތުގެ ޝަރަފް އަރުވައިފި އެވެ.
އޭނަށް މި ޝަރަފު އަރުވާފައިވަނީ މިއަދު ކުރިޔަށްދިޔަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. ސާލިހަށް ނިޝާން މުލީގެ އިއްޒަތް އަރުވާފައިވަނީ، ރާއްޖޭގެ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ، އިގްތިސާދު ބިނާކުރެއްވުމަށް އޭނަ ކުރެއްވި ބުރަ މަސައްތަކުގެ އަގުވަޒަންކުރައްވަ އެވެ.
އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ ފުރަތަމަ ސަރުކާރުން އުފެއްދެވި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފުރަތަމަ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ފުރުއްވީ ސާލިހެވެ. އަދި އުފަން އަތޮޅުކަމުގައިވާ އައްޑޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ހެރެތެރެ ވުޖޫދުކުރެއްވުމަށް މަސައްކަތްކުރެއްވިއެވެ.
މީގެއިތުރުން ސަރކްގެ ވިޔަފާރިވެރިންނަށް ދިވެހި ވިޔަފާރިވެރިން ތައާރަފްކޮށްދެއްވާ ގައުމުތަކުގެ މެދުގައި މުހިއްމު ވިޔަފާރީގެ ގުޅުންތައް ބިނާކުރެއްވުމުގައި މުހިއްމު ދައުރެއްވެސް އަދާކުރެއްވިއެވެ. ހިދުމަތުގެ ދާއިރާ ފުޅާކުރައްވާ 2012 ވަނަ އަހަރު މެޑިކާގެ ނަމުގައި ސިއްހީ ހިދުމަތް ވަނީ ފައްޓަވާފައެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތް ބިނާކުރެއްވުމާއި ސްކޫލްތަކުގައި ނަމާދުގެތައް ގާއިމްކުރެއްވުމުގެ މަސައްކަތްވެސް ވަނީ ކޮށްދެއްވާފައެވެ.
ވިޔަފާރިއާއި އިގްތިސާދު ކުރިއެރުވުމަށް ބައި ގަރުނުކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް ދައުލަތުން ވަނީ 2022 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ސާލިހަށް އަރުވާފައެވެ.