އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު ފަތުރުވެރިކަމުގެ އެއް މަޖައްލާކަމަށްވާ ވޮންޑަރލަސްޓްގެ ކިޔުންތެރިންގެ ވޯޓުން ހޮވާ ވޮންޑަރލަސްޓް ރީޑަރ ޓްރެވަލް އެވޯޑުގައި ދުނިޔޭގެ އެންމެ މަގުބޫލު ޖަޒީރާ މަންޒިލްގެ ބްރޯންޒް އެވޯޑް ރާއްޖެއިން ހޯދައިފިއެވެ.
އިނގިރޭސިވިލާތުގެ ލަންޑަން ނެޝަނަލް ގެލަރީގައި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އޮތް ކުލަގަދަ ހަފްލާގައި މި އެވޯޑާ ހަވާލުވެވަޑައިގަތީ ވިޒިޓް މޯލްޑިވްސ ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ޝިޢުރީއެވެ. ލަންޑަންގައި ކުރިއަށްދިޔަ ވޯލްޑް ޓްރެވަލް މާޓް 2025ގެ ހަވާސާގައި ކުރިއަށްދިޔަ މި އެވޯޑް ހަފްލާގައި ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަޤުބޫލު މަންޒިލްތަކަށް 22 ކެޓަގަރީއަކުން އެވޯޑު ދިނެވެ.
އެމްއެމްޕީއާރްސީން ބުނީ، 4.8 މިލިޔަން ވޯޓާއެކު މިއަހަރުގެ އެވޯޑުގައި ރާއްޖެ ހޯދި ކާމިޔާބީ އަކީ މުޅި ދުނިޔޭގައިވެސް ރާއްޖެއަށް އޮތް މަޤުބޫލުކަން ރަމްޒުކޮށްދޭ ހެއްކެއް ކަމަށެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީ ވިދާޅުވީ މި ޝަރަފަކީ އިނގިރޭސި ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް ދެވިފައިވާ ހާއްސަކަން ދެމިހުރިކަމުގެ ރަމްޒެއްކަމަށެވެ.
މިހާރު 24 ވަނަ ބާބު ގުނަމުންދާ ވޮންޑަރލަޓް ރީޑަރ ޓްރެވަލް އެވޯޑަކީ ފަތުރުވެރިކަމުގެ މައިދާނުގައި ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރެއިން އެއް އެވޯޑެވެ. މިއަހަރުގެ އެވޯޑުގައި ރާއްޖެ ވާދަކުރީ ގަލަޕެގޮސް އައިލަންޑްސް، ބަހާމާސް، ޓެސްމޭނިއާ، ބަރމިއުޑަރ ފަދަ މަޝްހޫރު މަންޒިލްތަކާއެވެ.
އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު ޤައުމެކެވެ.