މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ އެޕްރެންޓިސް ޕްރޮގްރާމް މިއަދު ފަށައިފިއެވެ.
ގައުމީ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން ހިންގާ އެމް.ޕީ.އެލް އެޕްރެންޓިސް ޕްރޮގްރާމްގައި މި އަހަރު 20 މީހަކު ވަނީ ބައިވެރިވެފައެވެ. މިއީ އެމްޕީއެލް އެޕްރެންޓިސް ޕްރޮގްރާމްގެ 12 ވަނަ ބެޗެވެ.
މި ޕްރޮގްރާމް ރަސްމީކޮށް ފެށީ އެމްޕީއެލް ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ޑެޕިއުޓީ މިނިސްޓަރ ހުސެއިން ޖަވާޒެވެ. މި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ސީ.އީ.އޯ ޑީ.ސީ.ޕީ (ރިޓަޔަރޑް) މުހައްމަދު ރިޝްވާންވެސް ބައިވެރިވެވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންނަށް އޮފަރ ލެޓާ ހަވާލުކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ ޖަވާޒެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަވާޒް ވިދާޅުވީ އެޕްރެންޓިސް ޕްރޮގްރާމްތައް ހިންގުމުގައި އެމް.ޕީ.އެލްއަކީ “ނަމޫނާ ކުންފުންޏެއް” ކަމަށެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ތަމްރީނު ފުރުސަތުތައް ހޯދައިދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
މި ޕްރޮގްރާމަކީ 6 މަސް ދުވަހުގެ މުއްދަތަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް ކޮންމެ މަހަކުވެސް 5,000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެމްޕީއެލްއިން މިފަހަރު ހުޅުވާލި މި ޕްރޮގްރާމްގައި ޖުމްލަ ހަ ދާއިރާއަކުން ފުރުސަތު ހުޅުވާލި އެެވެ. އެއީ:
– މެރިން މެކޭނިކް އެޕްރެންޓިސް
– ހެވީ ވެހިކަލް މެއިންޓެނެންސް އެޕްރެންޓިސް
– އިލެކްޓްރީޝިއަން އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް އެޕްރެންޓިސް
– އެޑްމިނިސްޓްރޭޓިވް އެޕްރެންޓިސް
– ފަރުނީޗަރު ކާޕެންޓްރީ އެޕްރެންޓިސް
– ވެލްޑިން ޓެކްނިކްސް އެޕްރެންޓިސް
ވިޔަފާރި ބަނދަރުގެ އެކި ދާއިރާތަކުގައި ޒުވާނުންގެ ބައިިވެރިވުން އިތުރުކޮށް، ޒުވާނުންނަށް ވަޒީފާ އާއި ތަމްރީނުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ އެމް.ޕީ.އެލްގެ އަމާޒެއްކަމަށް އެކުންފުނިން ބުނެއެވެ.
އެމް.ޕީ.އެލް އިން މީގެ ކުރިން ކުރިއަށް ގެންދިޔަ އެޕްރެންޓިސް ޕްރޮގްރާމްތަކުގައި 300 އަށްވުރެ ގިނަ ފަރާތެއް ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 200 އަށްވުރެ ގިނަ ބައިވެރިންނަށް ވަނީ ކުންފުނީގެ ދާއިމީ ވަޒީފާ ހަމަޖެހިފައެވެ.