ޕާސްޕޯޓް ހެއްދުމަށާއި ވިސާހޯދުމަށް އިމިގްރޭޝަނަށް ދާންޖެހުން ނިމުމަކަށް ގެނެސް، “މޯލްޑިވްސް 2.0″ މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ މޯލްޑިވްސް އިމިގްރޭޝަންގެ ޑިޖިޓަލް ހިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
މި ހިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމަށް ބާސެލޯ ނަސަންދުރައިގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ. މި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާންއެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ އައު ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން އަދި ފޭޝަލް ރެކޮގްނިޝަން އެޕްލިކޭޝަން ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ. މީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަންގެ ”އީ-ވިޒާ” ގެ ހިދުމަތް ވެސް މި ރަސްމިއްޔާތުގައި ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. ”އީ-ވިޒާ” ގެ ހިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް އެވެ.
މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ ‘މޯލްޑިވްސް 2.0’ މަޝްރޫއުގެ ދަށުން ސައްތައިން ސައްތަ، ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.
ދިވެހިރާއްޖެ 2.0 އަކީ ރައީސްގެ ހާއްސަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް އިފްތިތާހުކުރި ޕްރޮގްރާމެކެވެ. މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންގިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރުމަށް ހިންގާ މަޝްރޫއެކެވެ.