ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ހުުވުނީ އެއާޕޯޓެއްގެ އިންފްރާސްޓްރަކްޗަރ އެކަނި ނޫން ކަމަށާ، އެއީ ބޮޑު ތިލަދުންމަތީ ސަރަޙައްދުގެ ތަރައްގީގެ ދޮރޯށި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެޖެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓް ތަރައްގީކޮށް، ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެއާޕޯޓަކީ ބޮޑު ތިލަދުންމަތީގެ ހުރިހާ ރައްޔިތުންގެ ތަރައްގީގެ ދޮރާށި ކަމަށާއި މިއީ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި އުތުރުގެ އަތޮޅުތައް ތަރައްގީކުރުމަށް އެންމެ މުހިންމު އެއް ވަސީލަތް ކަމަށެވެ. މި އެއާޕޯޓާއެކު އުތުރުގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ހުރިހާ ދާއިރާއަކުންނާއި އިޖުތިމާއީ ގޮތުންވެސް ތަރައްގީއާއި ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަން އެކަށީގެންވާ މިންވަރެއްގައި ނެތްކަން ފާހަގަކުރައްވަމުން ރައީސް ވަނީ، އެސަރަހައްދުގައި ފަތުރުވެރިކަން ކުރިއަރުވަން ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކަންތައްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އެސަރަހައްދުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމުގައި މިއެއާޕޯޓު މުހިއްމު ދައުރެއް އަދާކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ބޮޑުތިލަދުންމަތީގައި ހުރިހާ ދާއިރާއަކުން ވެސް ފުރުސަތުތައް އެބައޮތް ކަމަށާއި ސަރުކާރުން އޮތީ ހުރިހާ ގޮތަކުން ކަންކަން ފަހިކޮށްދިނުމަށް ހުރިހާ ކަމެއް ކޮށްދިނުމަށް ތައްޔާރަށްކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއުއަކީ، އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައި އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ ސެޕްޓެމްބަރު 25، 2022 ގަ އެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ 2023 ގެ ޖެނުއަރީގަ އެވެ.
ގާތްގަނޑަކަށް 136.6 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ އައު ޓާމިނަލްގައި 2،465 މީޓަރުގެ ދިގު ރަންވޭއެއް ހިމެނެއެވެ. އެތަނުގައި ބޮއިން 737 އާއި އެއާބަސް 320 ފަދަ ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ޖެއްސޭނެ އެވެ.
މި އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.