ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މިރޭ ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ހަނިމާދޫގައި ބާއްވާ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އެގައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫވެސް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
މި ރަސްމިއްޔާތުގައި ހަވާއެރުވުމުގެ ހާއްސަ ހަރަކާތެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަކީ އިންޑިއާގެ އެގްޒިމް ބެންކްގެ ލޯނު އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މިއީ އެންމެ ބޮޑެތި A-320 އަދި ބޮއިން 737 މަރުކާގެ ބޯޓުތައް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. އެ އެއާޕޯޓް ތަރައްގީކުރަން ފެށީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކޮށްފައިވަނީ އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ. އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުއަކީ 136.6 މިލިޔަން ޑޮލަރުގެ މަޝްރޫއެކެވެ.