ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފި އެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންވުމަށް މޯދީގެ މަންދޫބެއްގެ ހައިސިއްޔަތުން ރާއްޖެ ވަޑައިގެންފައިވަނީ، އެގައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫއެވެ. އޭނައަށް އެއާޕޯޓުން މަރުހަބާ ދެންނެވީ މިނިސްޓާ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ހަލީލް އެވެ. އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ އަރިހުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން ދާއިރާގެ ވަފުދެއްވެސް ހިމެނިވަޑައިގަންނަވަ އެވެ.
މިރޭ ހުޅުވުމަށް ނިންމާފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަކީ އިންޑިއާގެ އެގްޒިމް ބެންކްގެ ލޯނު އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މިއީ އެންމެ ބޮޑެތި A-320 އަދި ބޮއިން 737 މަރުކާގެ ބޯޓުތައް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. އެ އެއާޕޯޓް ތަރައްގީކުރަން ފެށީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކޮށްފައިވަނީ އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ. އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުއަކީ 136.6 މިލިޔަން ޑޮލަރުގެ މަޝްރޫއެކެވެ.