މިދިޔަ ހަފުތާގައި ސަރުކާރުން އަމިއްލަ ކުންފުނިތަކާ ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ހަވާލުކުރި އިރު، ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބޯޑުގެ ހުއްދައާ ނުލައި އަދި ލޯނު ދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދޫކުރަމުންދާ ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް ބީއެމްއެލްއިން ދޮގުކޮށްފިއެވެ.
ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތް ކުރަނީ ފުރިހަމަ މިނިވަންކަމާ އެކީގައި ކަމަށާއި ބޭންކުން ހިފަހައްޓަމުން އަންނަ ކޯޕަރޭޓް ގަވަނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އަދި ބީއެމްއެލްގެ އޮނިގަނޑުތައް ގާއިމުކުރެވިފައި އޮތީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑާޑްތަކުގެ އިތުރުން ބާސެލް އަދި FR 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑާޑްތަކަށް ކަމަށް ބޭންކުން ބުންޏެވެ.
އަދި ބައިނަލްއަގުވާމީ އޮޑިޓް ފާމްތަކުން ގަވައިދުން ބޭންކު އޮޑިޓްކުރަމުން އަންނަ ކަމަށާއި މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވޭ ކަމަށް ބީއެމްއެލުން ބުންޏެވެ. ބޭންކު ހިނގަމުން އަންނަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓެރެޓެޖީގެ މައްޗަށާއި، ހިންގުމުގެ އެކި ދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީތަކާއި އެއްގޮތަށް ބޯޑުން ނިންމާ ނިންމުންތަކާއި ދޭ ލަފަ އާއި އިރުޝާދުގެ ވެސް ދަށުން ކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.
ބީއެމްއެލްއިން ބުނީ ލޯނު ދޫކުރަނީ އަނބުރާ ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި، ސިންގަލް ބޮރޯވާ އެކްސްޕޯޝާ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝާ އަ ށްވެސް ބަލާފައި ކަމަށާއި ލޯނު ދެނީ އަންޑަ-ރައިޓިން އުސޫލާ އެއްގޮތަށް ކަމަށެވެ. ސަރުކާރުގެ މަޝްރޫއުތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުން ކަމަށްވާ ނަމަ ބޭންކުން މިހާރު ވެސް އަމަލު ކުރަމުން އަންނަ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެ ކަމަށް ބުނެފައި ވެއެވެ.
މިދިޔަ ހަފުތާގައި ސަރުކާރުން ވަނީ ބީލަމަކަށް ނުގޮސް އަމިއްލަ އެކިއެކި ކުންފުނިތަކާ ޖުމްލަ 216 މަޝްރޫއެއް ހަވާލުކޮށްފައެވެ. އެ މަޝްރޫއުތަކުގެ އަގު 2.7 ބިލިއަން ރުފިޔާ އަށް އަރައެވެ. މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ ކުންފުނިތަކަށް ފައިސާ ދޫކުރުން ހުއްޓުވަން ކޯޓަށް ދާން ނިންމައިފައެވެ.