ވޭޕާ ގުޅުން ހުރި ކަންކަމުގައި މިދިޔަ މަހު 220،000 އަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ އިދާރާއިން އާއްމުކުރި މިދިޔަ މަހުގެ ތަފާސްހިސާބު ދައްކާގޮތުން، ވޭޕް/އީ-ސިނގިރޭޓު ބޭނުންކުރުމުގެ ފަސް މައްސަލައަކާއި އެތަކެތި ގެންގުޅުމުގެ 15 މައްސަލައެއް ހުށައަޅާފައި ވެއެވެ. އަދި ވޭޕް ވިއްކުމާއި ގަތުމުގެ ދެ މައްސަލައާއި އެކަމާ ގުޅުން ހުރި ތިން މައްސަލައެއްވެސް ރިޕޯޓުކޮށްފައި ވެއެވެ.
އެ މައްސަލަތަކާ ގުޅިގެން މިދިޔަ މަހު 35 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި ބަދަލާއެކު، މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން އެ ތަކެތި ބޭނުންކުރުމާއި އެތެރެކުރުން އަދި ވިއްކުން ވަނީ މަނާވެފަ އެވެ. އެއާ ހިލާފުވެގެން މިހާތަނަށް 400 މިލިއަނަށް ވުރެ ގިނަ ރުފިޔާއިން މީހުން ޖޫރިމަނާކޮށްފައި ވެއެވެ. މިދިޔަ މަހު އެކަނި ވެސް ފުލުހުން ވަނީ 226،000 ރުފިޔާގެ ޖޫރިމަނާކޮށްފައެވެ.
ކަސްޓަމްސް އިން މި ފަހުން ވަނީ، އެ އިދާރާއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާއްމުކުރަން ފަށައިފަ އެވެ. އެ ލިސްޓުގައި ވެސް އެންމެ ގިނައިން ހިމެނެނީ ދުންފަތާއި ވޭޕް އެތެރެކޮށްގެން ކޮށްފައިވާ ޖޫރިމަނާތަކެވެ.