ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާ އިން ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަމާއި ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ވަރަށް ބޮޑަށް ސާފުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އެ ޖަލްސާ އަށް އާންމުކޮށް ދައުވަތު ދިނުމުގެ ހަރަކާތެއް ފެށުމަށް އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ރަސްމިއްޔާތަށް ފަހު، މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޖަލްސާ އަށް ސަޕޯޓަރުން ދާނީ މިހާތަނަށް ރައީސް ކުރައްވާފައިވާ މަސައްކަތްޕުޅުތައް ބަލައިގަނެ، އެ ކަަމަށް ތާއީދު ކުރާތީ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބާއްވާ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވާތީ އެއީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ އިތުރު މައުލޫމާތު ލިބި ޔަގީންކަން އިތުރު ވާނެ ކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުން ބޭނުންވާ ތަރައްގީއާ ހަމައަށް ޕީއެންސީގެ ސަރުކާރުގައި ރައީސް މުއިއްޒާ އެކު ހާސިލްވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް މުއިއްޒު މިހާރު ދަތުރުފުޅު ކުރައްވާފައިވާއިރު، ރައްުޔިތުން ބޭނުންވަނީ އެއްތަނަކަށް ޖަމާވެ، ތާއީދު ހާމަކުރަން ކަމަށެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ، މި ވެރިކަމަށް މި މަހުގެ 17 ވަނަ ދުވަހު ދެ އަހަރު ފުރޭއިރު، ހުރިހާ އެންމެން އެއްތަނަކުން އެއްވާން ވަރަށް ގިނަ ސަޕޯޓަރުން އެދޭ ކަމަށެވެ. ހއްސަކޮށް ރައީސް މުއިއްޒު ވަރަށް ގިނަ ރަށްރަށަށް މިދިޔަ ދުވަސްތަކުގައި ވަޑައިގެން، ތަރައްގީގެ އެކިއެކި މަޝްރޫއުތައް ފައްޓަވައި ދެއްވައި ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކުރައްވާފައިވާތީ އެންމެން އެކުގައި އެއްތަނަކަށް ޖަމާވެ އެ މަނިކުފާނަށް ޝުކުރު އަދާކުރަން ގިނަ ބަޔަކު ބޭނުންވާ ކަމަށް ފަލާހު ވިދާޅުވިއެވެ.
ޕީއެންސީން ބޮޑު ޖަލްސާއެއް މި ބާއްވަނީ ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެއެވެ.