އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީގު ބިން ފައުޒާން އަލްރާބިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މިދަތުރުފުޅުގައި ސައުދީގެ ހައްޖު އަދި އުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީގާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ކަމަށާއި އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސަރުކާރާއި ސައުދީ ސަރުކާރާއި ދެމެދު 1447 ވަނަ އަހަރުގެ ހައްޖު އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން، މައްކާ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމިޓީގެ ޗެއާމަން ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަހްޔާ އާއި ބައްދަލުކުރައްވާ މައްކާ ރޫޓު އިނީޝިއޭޓިވްއާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި ހައްޖު މިނިސްޓަރުންގެ ކޮންފަރެންސްގެ އިތުރުން ސައުދީގެ ހައްޖު މިނިސްޓްރީން ބާއްވާ ފަސް ވަަނަ ހައްޖު އެންޑް އުމްރާ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައި ވެސް ޝަހީމް ބައިވެރިވެވަޑައިގަންނަވާނެއެވެ.