ސަރުކާރުން ބޭނުންވަނީ، ވީހާވެސް ގިނަ މަޝްރޫއުތައް އަމިއްލަ ފަރާތްތަކާ ހަވާލުކޮށް، ރައްޔިތުން މުއްސަނދިކުރުވަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.
ރައީސް މިފަދައިން ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި، އެކިއެކި ދާއިރާތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 206 މަޝްރޫއުއެއް ކުރިޔަށްގެންދިޔުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކުރި އެވެ. އެގޮތުން ޖުމްލަ ނުވަ ދާއިރާއަކުން މަޝްރޫއުތައް ކުރިޔަށްގެންދަން ތަފާތު 53 ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިފަދަ ގިނަ މަޝްރޫއުތައް އަމިއްލަ ފަރާތްތަކަށް ލިބިގެންދާނެކަމަށެެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ބޭނުން ވަނީ އާންމު ފަރުދުން މުއްސަނދިކޮށް ދޭންކަމަށެވެ.
“އާންމު ފަރުދުންނަށް މިފަދަ މަޝްރޫއުތައް ލިބިގެންދިޔުމުން، އެ މަޝްރޫއުތަކުގެ ތެރެއިން އަންނަ ޗެއިންގެ ތެރެއިން، ލޮޖިސްޓިކަލް ޗެއިންގެ ތެރެއިން، މެޓީރިއަލް ޗެއިންގެ ތެރެއިން، މަސައްކަތްތަކުގެ ތަރުތީބުގެ ތެރެއިން، މި ހުރިހާ ދިމާއަކުން މަސައްކަތްތައް ފޭދިގެންދާއިރުގައި، އެތައް ބަޔަކަށް ފައިދާވާނެ. އޭގެ ސަބަބުން، މުޅި އިގްތިސާދު ވަރަށް ބިޒީވެގެންދާނެ. އޭގެ ސަބަބުން، ޕްރޮޑަކްޓިވިޓީ އެތައް ގުނައަކުން އިތުރުވެގެންދާނެ. އެއީ، އަޅުގަނޑުމެން މި ގެންނަން ބޭނުންވާ ނަތީޖާއަކީ. އޭގެ ނަތީޖާ، އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމަވެގެންދާނެކަން ހަމަ ޔަގީންކަން.” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ގަވައިދުން ފައިސާ ލިބޭނެކަމަށެވެ. އާންމުކޮށް ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި ހުންނަ ދަތިތަކުގެ ތެރެއިން، އަންނަ ޑިލޭތައް އެއްވެސް ވަރަކަށް ނާންނާނެކަމަށެވެ. އަދި އެގްރީމަންޓްގައި ވާގޮތަށް ކުންފުނިތަކުން މަސައްކަތްތައް ކުރަމުން ގެންދާނެކަމަށާއި ޕޭމެންޓަށް ހުށަހެޅުމުން ބަރާބަރަށް ފައިސާ ލިބި، ހަލުވި ދުވެލީގައި މި މަޝްރޫއުތައް ނިންމާލެވޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
“މަސައްކަތްތައް އެގްރީމަންޓް ކުރެވިފައިމިވާ ގޮތަށް، ދާދި އަވަހަށް، ހަމަ ޔަޤީނުންވެސް ހުރިހާ ކުންފުނިތަކުން މަސައްކަތް ފަށްޓަވާނެ. އަދި، ވަރަށް ހަލުވި ދުވެލީގައި ކަންކަން ގެންދެވޭނެ. ސަރުކާރުގެ ތެރެއިން އަޅުގަނޑު ދޭ ފުރިހަމަ ޔަގީންކަމަކީ، އަދި ލިބިގެންދާނެ އެއްބާރުލުމަކީ، މިއިން ކޮންމެ ކުންފުންޏަކުންވެސް މި ހަވާލުވީ މަސައްކަތް ކުރިއަށް ގެންދިޔުމުގައި، ކޮށްދޭންޖެހޭ ހުރިހާ މަސައްކަތްތަކެއް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުން ދެއްވާނެކަން، ކޮށްދީ، ފުރިހަމަ ކުރާނެކަން.” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު މިހާރު ވަނީ ވަރަށް ރަނގަޅު މިސްރާބަކަށް ގެންދެވިފައިކަމަށެވެ. ފުން އަނދަވަޅު ގަނޑަކަށް ވައްޓާލާފައި އޮތް އިގްތިސާދެއް ކޮޅަށްޖެހުނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކުކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން މިއަދު އެއްބަސްވުންތަކުގައި ސޮއިކުރެވުނީ ސަރުކާރުގެ ތެރެއިން އެންމެންވެގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އިގްތިސާދާއި، ސަރުކާރާ މެދު ޕްރައިވެޓް ސެކްޓާގެ އިތުބާރު ނެތްނަމަ، މި ހިސާބަކަށް ނާދެވުނީހެވެ.