ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ މުހައްމަދު މުއިއްޒު، މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަނީ، ފުވައްމުލަކާއި އައްޑޫގެ ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ސަރަހައްދީ ތަރައްގީއަށް ރައްޔިތުން ދެކޭ ތަސައްވުރު އޮޅުންފިލުއްވާފަ އެވެ.
މި ދަތުރުފުޅުގައި ފުވައްމުލަކުގައި ވަނީ، ތައުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރު ފަދަ ތަފާތު ދާއިރާތަކުން ހިންގަވަން ނިންމަވާފައިވާ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތުގެ އެކި މަރުޙަލާތައް ފައްޓަވާފަ އެވެ. އަދި އައްޑޫގައި ވަނީ، ކުޅިވަރާއި ހަށިހެޔޮކަމާއި، ތައުލީމާއި، ސިއްހަތާއި، އުމްރާނީ ތަރައްގީ، ދީނީ ވަހުދަތު، އަދި ދަތުރުފަތުރު ފަދަ ދާއިރާތަކުން ހިންގެވުމަށް ނިންމަވާފައިވާ ގިނަ އަދަދެއްގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތުގެ އެކި މަރުޙަލާތައް ފައްޓަވާފަ އެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސް ވަނީ، ދިވެހި ގައުމީ ދިފާއީ ބާރުގެ އެއަރ ކޯގެ ފުރަތަމަ އެއަރ ސްޓޭޝަން ހުޅުއްވައިދެއްވާފަ އެވެ.
ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން، މަޝްރޫއުތަކާ ގުޅުންހުރި އަދާހަމަ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައިވެ އެވެ.