ސަރުކާރުން މަސައްކަތް ކުރައްވަނީ ރައްޔިތުންގެ އިޙްސާސްތަކާއި ވިންދު އެނގިވަޑައިގެންކަމަށާ، މުސާރަ އެއްހަމަކުރެވިގެން ދިޔަދިއުމާ މެދު ކަންބޮޑުވުމެއް ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގަތީ، ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ސިޓީގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ތިން ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ، މި ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ އެއްހަމަކޮށްފަ އެވެ. ރައީސް ވިދާޅުވީ، އެކަން ކުރެއްވީ ވަރަށް ބޮޑަށް ދިރާސާކުރައްވައިގެން ކަމަށާ، މުވައްޒަފުންގެ މުސާރަ ބޮޑުކުރީ ކުރިއަށް އޮތް ތަނުގައި، ހަގީގީ މާނާގައި އެކަމުގެ ފައިދާވާނެ ގޮތަށްކަަމަށެވެ.
މި ބަދަލާއެކު މުވައްޒަފުންގެ މެދުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައި އޮތް އެއް ކަމަކީ އިތުރުގަޑީގެ މަސައްކަތު ވަގުތާ މެދުގައިކަން ފާހަގަކުރައްވާ ރައީސް ވަނީ، މުސާރަ އެއްހަމަކުރުމުގެ ތެރެއިން އެކަން ހަމަޖެހިފައިވާ ގޮތުގެ ހުލާސާ މިސާލެއް، ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އަދި ވަކިވަކި ދާއިރާތަކުގައި ހުރި މިފަދަ ކަންބޮޑުވުންތައް، ޕޭ ކޮމިޝަނާ މަޝްވަރާކޮށް، މުވައްޒަފުންނަށް ތަފްސީލުކޮށްދެއްވުމަށް ރައީސް ވަނީ އިދާރާތަކުގެ އިސްވެރީންނަށް ގޮވާލައްވާފައެވެ. ކުރިމަތިވެދާނެ ހާއްސަ ހާލަތްތަކުގައި ވަކިކަހަލަ ނިންމުންތަކެއް ނިންމުމުގެ ބާރު ޕޭ ކޮމިޝަނަށް ލިބިފައި އޮތްކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށާ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންނަށް އެކަމެއްގައި ހެޔޮގޮތް އޮންނާނެ ބީދައިންކަމަށެވެ. ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެން 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ވަނީ ގެނެސްދީފަ އެވެ. ރައީސް ވަނީ، ބާކީ ހުރި ދާއިރާތަކުގެ މުވައްޒަފުންނަށްވެސް އަންނަ އަހަރުގެ ތެރޭގައި އެކަން ހަމަޖެހޭނެކަމުގެ ޔަގީންކަންދެއްވާފަ އެވެ.
މުސާރަ އެއްހަމަކުރެވި، އެންމެ ދަށް އަސާސީ މުސާރައިގެ ގޮތުގައި 7000 ރުފިޔާ ކަނޑައަޅުއްވާފައިވާއިރު، މިކަމުގެ ސަބަބުން މުވައްޒަފުގެ ޕެންޝަން ފަންޑަށްވެސް ހެޔޮ ބަދަލު އަންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، ޕެންޝަން ފަންޑުގެ ބޭނުން ކުރުމަށްވެސް ލުއި ގޮތްތަކެއް ހައްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.