އަންނަ ރަމަޟާން މަހަށް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތަށް ބޭނުންވާ ލިސްޓު އެކުލަވާލުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްއާއި ކައުންސިލްތައް ގުޅިގެން ފަށަފައިފިއެވެ.
ބައެއް ކައުންސިލްތަކުން ވަނީ ކައުންސިލުން ކަނޑައަޅާ ތާރީހުތަކަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް އިއުލާނުކޮށްފަ އެވެ. ރޯދަ ހަދިޔާއަކީ ގޭބިސީތަކުގެ އަދަދަށް ބެލުމަށްފަހު ދޭ ހަދިޔާއެކެވެ. އެގޮތުން އެއް ގެއެއްގައި ގިނަ ގޭބިސީތަކަށް ދިރިއުޅޭނަމަ، އެ ގޭބިސީތައް ވަކިވަކިން ރެޖިސްޓަރ ކުރަންޖެހޭނެއެވެ. ހަދިޔާ ލިބޭ ލިސްޓް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށައަޅަނީ ކައުންސިލްތަކުންނެވެ.
މިނިސްޓްރީން ބުނީ، މި ލިސްޓު ކަނޑައަޅާ، މިމަހުގެ 20ގެ ނިޔަލަށް ހުށައެޅުމަށް ކައުންސިލްތަކަށް މިހާރު އަންގާފައިވާނެކަމަށެވެ.
މިދިޔަ ދެ އަހަރުވެސް ސަރުކަރުން ވަނީ ރަމަޟާން މަހާ ދިމާކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ހަދިޔާ ދީފައެވެ. އެގޮތުން މިއަހަރު ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސް ދަޅު ކޭސް ބަހާފަވެއެވެ. ކޮންމެ ގެއަކަށް 48 ދަޅުގެ މަސްދަޅު ކޭސް ބަހާފަވާއިރު، އެކަމަށް 81 މިލިއަން ރުފިޔާ ހޭދަކޮށްފަވެ އެވެ.
މިދިޔަ އަހަރު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބަހާފަވަނީ ހަނޑޫ އަދި ފުއް ބަސްތާއެވެ. އެގޮތުން 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ސަރުކާރުން ހަދިޔާ ކުރި އެވެ.
އަންނަ އަހަރަށް ރޯދަ ހަދިޔާގެ ގޮތުގައި ދޭނެ ބާވަތެއް ސަރުކާރުން އަދި އިއުލާނެއް ނުކުރެ އެވެ.