ގަތަރުގެ ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ، “ސެކަންޑް ވަރލްޑް ސަމިޓް ފޯރ ސޯޝަލް ޑިވެލޮޕްމަންޓް” ގައި ބައިވެރިވެވަޑައިގަތުމަށް ނައިބުރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފު، ރޭ ފުރާވަޑައިގެންފިއެވެ.
މި ސަމިޓްގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގެން އިޖްތިމާއީ ތަރައްގީ ކުރިއެރުވުމާއި، ފަގީރުކަން ނައްތާލުމާއި، ވަޒީފާގެ ބާޒާރު ހަރުދަނާކުރުމާ، ޝާމިލް މުޖްތަމައެއް ބިނާކުރުމާބެހޭގޮތުން، މަތީފެންވަރުގެ މަޝްވަރާތަކެއް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތައް ކުރިޔަށްދާނީ 2030 ވަނަ އަހަރާ ހަމަޔަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅުވައިގެންނެވެ.
އދ.ގެ އާންމު މަޖިލީހުން ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން މިއަހަރުގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 4 ން 6 ށް ގަތަރުގެ ދޯހާގައެވެ. އެންމެފަހުން ބޭއްވި ވަރލްޑް ސަމިޓް ފޯރ ސޯޝަލް ޑިވެލޮޕްމަންޓް ބާއްވާފައިވަނީ 1995ވަނަ އަހަރު ޑެންމާރކުގެ ކޯޕަންހޭގަންގައެވެ.
މި ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ނައިބުރައީސް ބައިވެރިވެވަޑައިގެން، ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.