ރައްޔިތުންނަށް ސީދާގޮތުން ފައިދާވާ ތިން ކަމެއް ތަންފީޒުކުރަން ފެށުމުން، އެކަންކަން ހަގީގަތަކަށް ހެދުމަށް މަސައްކަތްކޮށްދިން ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.
މިއަދުން ފެށިގެން ތަންފީޒުކުރަން ނިންމާފައިވަނީ:
- 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ކުދިންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން.
- ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަކުރުން.
- .ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސް ގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރުން.
ރައީސް ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ތިން ކަންތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތް ކޮށްދެއްވި އެންމެނަށާއި އެއްބާރުލުންދިން ފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި، މި ތިން ކަންތައް ތަންފީޒުކުރުމުން އޭގެ ފައިދާ ކުރާނޭ އެންމެހާ ފަރާތްތަކާއި، ހުރިހާ ރައްޔިތުންނަށް ރައީސް ވަނީ މަރުހަބާ ދަންނަވާފަ އެވެ.
މިއަދު ތަންފީޒުކުރަން ފެށި ކަންކަމުގެ ތެރެއިން ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން ފެށުމާއެކު 2007 ގައި އުފަންވި އަދި އޭގެފަހުން އުފަންވާ ދިވެހީން ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި، ގެންގުޅުމާއި އަދި ވިއްކުމުގެ އެއްވެސް އަމަލެއް ހިންގުމަކީ ގާނޫނީ ކުށެކެވެ. އަދި އެފަދަ އަމަލެއްކުރާނަމަ އެކަމުގައި އަދަބު ދެވޭނެއެވެ.