2026 ވަނަ އަހަރަށް ލަފާކޮށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށައަޅުއްވައިދެއްވީ މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު މުސާ ޒަމީރެވެ. 2026 ވަނަ އަހަރަށް ލަފާކޮށް ހުށައަޅާފައި ވަނީ ޖުމްލަ 64,202,565,720 (ފަސް ދޮޅަސްް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި ރުފިޔާ) އެވެ.
މިއީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެކެވެ. އެގޮތުން ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދާނުލާ އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ އެވެ.
ބަޖެޓް ހުށައަޅުއްވައި ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭކަމަށެވެ. އެގޮތުން ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރަނީ 31.3 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 8.7 ބިލިއަން ރުފިޔާ އެވެ. ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 373.6 މިލިއަން ރުފިޔާއެވެ.
ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ އެވެ. ބަޖެޓް ހުށައަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާއަށްކަމަށެވެ.