ތިންވަނަ ކުއާޓަރުގައި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެސްޓިއޯ އިން އާންމުކުރި ތަފާސްހިސާބު ދައްކާގޮތުން މިއީ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކަމަށެވެ. ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ ވިޔަފާރި ރަނގަޅުވެ، ވިކުނު ތެލުގެ އަދަދު އިތުރުވެފައިވުންކަމަށް އެކުންފުނިން ބުނެ އެވެ.
އެސްޓީއޯގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް އަށް އިންސައްތައިން ވަނީ އިތުރުވެފައެވެ. އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާ އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 604 މިލިއަން ރުފިޔާ ލިބިފައެވެ. މީއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލައި 5 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުއާޓަރގައި ވިއްކުމާއި މާކެޓް ކުރުމުގެ ހަރަދުން ލީސް އެޖަސްޓްކުރުމަށްފަހު ހިންގުމާއި ފައިނޭންސް ކުރުމުގެ ޚަރަދު ވަނީ ރީކްލެސިފައި ކުރެވިފައި ކަމަށް އެސްޓިއޯ އިން މައުލޫމާތުދެއެވެ.
މިއާއިއެކު ޖުމްލަ ހިންގުމުގެ ހަރަދު ވަނީ 367 މިލިއަންއިން 358 މިލިއަން ރުފިޔާއަށް ދަށްކުރެވިފައީ ކަމަށާއި އެއާއެކު ހިންގުމުގެ ފައިދާ ވަނީ 23 އިންސައްތައިން އިތުރުވެ، ހިންގުމުގެ ފައިދާގެ ގޮތުގައި 290 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައި ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
އެސްޓިއޯގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ޚަރަދު ދަށްވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 230 މިލިއަން ރުފިޔާ ލިބިފައެވެ.
ޓެކްސްއަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 186 މިލިއަން ރުފިޔާ ލިބިފައި ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މިއީ، އޭގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ.