ރިސޯޓްތަކުން ބޭނުންކުރުމަށްފަހު އުކާލާ ތެޔޮ ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބައެއް ފަރާތްތަކުން ކާބޯތަކެތި ތައްޔާރުކުރުމަށް ރިސޯޓް ފަދަ ތަންތަނުން އުކާލާ ކައްކާ ތެޔޮ ބޭނުންކޮށް، ވިއްކާކަމުގެ ޝަކުވާ ލިބިފައިވާކަމަށެވެ. އެކަން އެގޮތަށް ކުރުމަކީ މަނާކަމެއްކަމަށާއި، އާންމު ސިއްހަތަށް ނުރައްކާވެދާނެ ފަދަ ކަމެއްކަމަށް 2018 ވަނަ އަހަރު އެ އޮތޯރިޓީން އަންގާފައިވާކަން އެމްއެފްޑީއޭއިން ފާހަގަކޮށްފައި ވެއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކުރާ ‘ކާބޯތަކެތީގައި ހުންނަންޖެހޭ އާންމު ޝަރުތުތައް’ މިފަދަ ތެލުގައި ފުރިހަމަ ނުވާނެކަމަށް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ. މީގެއިތުރުން ރިސޯޓްފަދަ ތަންތަނުން އުކާލާ ތެލަކީ ހަލާލު ނޫން ކާބޯތަކެތިން ތަގައްޔަރުވެފައިވާ ތެޔޮކަމުގައިވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން، ކާބޯތަކެތި ތައްރާރުކުރުމަށްފަހު އުކާލާ ތެޔޮ ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފަ އެވެ. މިފަދަ ތަކެތި ވިއްކާ އަދި ބޭނުންކުރާ ފަރާތްތަކާއި މެދު، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށްވެސް އެއޮތޯރިޓީން ވަނީ ބުނެފަ އެވެ.