ބޭންކް އޮފް މޯލްޑިވްސްއިން “ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް” ކެމްޕޭނު މިއަދު އިފްތިތާހުކޮށްފިއެވެ.
މި ކެމްޕޭނަކީ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިވެ، ގައުމުގެ އިގްތިސާދު ކުރިއަރުވައި ހަރުދަނާކުރުމުގައި އަދާކުރަމުންދާ މުހިންމު ދައުރު އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގާ ކެމްޕޭނެކެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭނު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މި ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފު ވަނީ 1982 ވަނަ އަހަރު ބޭންކް އުފެއްދުމުގެ މަގުސަދަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ބޭންކް އުފެއްދީ ހަމަ އެކަނި ކޮމާޝަލް ބޭންކެއްގެ ދައުރު އަދާކުރުމަށް ނޫންކަމަށާއި އޭގެ އިތުރުން ގައުމީ ތަރައްގީގައި އެހީތެރިވެވޭނެ ގޮތްތައް ހޯދައި އެ ހިދުމަތްތައް ފޯރުކޮށްދިނުމަކީވެސް ބޭންކު އުފެއްދި މުހިންމު މަގްސަދެއްކަން ފާހަގަކުރެއްވިއެވެ.
‘ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް’ ކެމްޕޭނާއެކު މި މަގުސަދު ހާސިލުކުރުމަށް އިތުރު މަސައްކަތްކުރުމާއި، ބޭންކް އޮފް މޯލްޑިވްސް އަކީ ހަމައެކަނި މާލީ އިދާރާއެއްގެ ބަދަލުގައި ގައުމުގެ ތަރައްގީގެ ދަތުރުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާނެއެވެ. އެގޮތުން، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބޭންކުން ބުނެ އެވެ.
ޝަރީފް ވަނީ ދިވެހީންގެ ބޭންކެއްގެ ގޮތުގައި ބީއެމްއެލް އިން ހޯދާފައިވާ ހާއްސަ މަގާމް ފާހަގަކުރައްވާފައެވެ.
“ބޭންކް އޮފް މޯލްޑިވްސް ވަނީ ޓެކްނޮލޮޖީގެ ކުރިއެރުމުގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށް، ގައުމުގެ މާލީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެނެސްދީ ޒަމާނީ އަދި އީޖާދީ ބޭންކިންގ ހައްލުތައް ތައާރަފްކޮށްފައި. މި ބޭންކު ފާހަގަކުރެވެނީ މާލީ ދާއިރާގައި ދިވެހިންނަށް އެންމެ ގިނަ ވަޒީފާ ދޭ އިދާރާގެ ގޮތުގައި އެކަންޏެއް ނޫން. މިއީ ގައުމީ ފެންވަރުގައި ހުނަރުވެރިން ބިނާކުރުމާއި، ކުރިއެރުވުމަށް އެހީތެރިވާ ބޭންކެއްވެސްމެ.” ޝަރީފް ވިދާޅުވި އެވެ.
ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ވިހި އަތޮޅެއްގެ 105 ރަށެއްގައި ބީއެމްއެލް އިން ވަނީ އެބޭންކުގެ އޭޓީއެމް ބަހައްޓާފަ އެވެ.