ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިލައްވާފައިވާ ފަރާތްތަކަށް އައު ރަޖިސްޓަރީ އަދި އެގްރީމަންޓްގައި ސޮއިކުރުމަށް ފަހު ފުރުސަތު ދީފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ގުޅީ ފަޅުން ގޯތި ލިބުނު މީހުން އެގްރިމެންޓްގައި ސޮއިކުރުމަށް ދިގު މުއްދަތެއް ދިންކަމަށެވެ. ނަމަވެސް އެމުއްދަތުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާ ފަރާތްތަކަށް އެފުރުސަތު އަލުން ދިނުމަށް، ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް ހުޅުވާލި ފުރުސަތު 6 ނޮވެމްބަރުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިނިސްޓްރީން ބުނީ، މިއީ ގުޅިފަޅު އެއްބަސްވުން އަދި ރަޖިސްޓަރީއާ ހަވާލުވުމަށް ދެވޭ ފަހު ފުރުސަތުކަމަށެވެ. މި މުއްދަތުގެ ތެރޭގައި އެޕޮއިންޓްމަންޓަށް އެދިފައިނުވާ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު ނުދެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، އެއްބަސްވުމުގައި ސޮއިކުރުމަށް އެޕޮއިންޓްމަންޓް ހެެއްދުމަށްފަހު، އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ނުދާ ފަރާތްތަކާއި، ލިޔެކިޔުންތައް ފުރިހަމަނުކޮށް ދާ ފަރާތްތަކަށް އެޕޮއިންޓްމަންޓް ކެންސަލްކުރެވޭނެކަމަށެވެ. އެޕޮއިންޓްމަންޓްއަށް އެދި ހުށަހަޅާ ފަރާތްތަކަށް “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް އަދި އެފަރާތްތަކުގެ ފޯނު ނަންބަރަށް އެސްއެމްއެސްގެ ޒަރީއާއިން ދާންޖެހޭ ތަނާއި ގަޑި އަންގާނެ އެވެ.
ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދޭށެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެ އެވެ. އެ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައިވެ އެވެ.