މޯލްޑިވްސް ޕޯޓްސް ލިިމިޓަޑް (އެމްޕީއެލް) އިން އިންތިޒާމްކުރާ “މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް”ގެ ދެވަނަ އެޑިޝަން 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މޯލްޑިވްސް މެރިޓައިމް ކޮންފަރެންްސްއަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަަރުންނާއި ދާއިރާއާ ގުޅުންހުރި ފަރާތްތައް ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަގުމީ ކޮންފަރެންސްއެކެވެ. އެމްޕީއެލްއިން އެންމެ ފުރަތަމަ މި ކޮންފަރެންސް އިންތިޒާމްކުރީ 2024 ވަނަ އަހަރެވެ. އެ އަހަރުގެ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްއަށް ބޮޑު ތަރުހީބެއް ލިބުނެވެ.
މި ކޮންފަރެންސްގެ ދެވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. މި ފަހަރުގެ ކޮންފަރެންސްގައިވެސް މެރިޓައިމް ދާއިރާއިން ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވޭ ތަޖުރިބާކާރުންނާއި ރާއްޖޭގެ ތަޖުރިބާކާރުން ސްޕީކަަރުންގެ ގޮތުގައި ބައިވެރިވާނެ އެވެ.
މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ ދެވަނަ އެޑިޝަންގެ މައިގަނޑު ތީމަކީ “ސެކިއުރިޓީ، ސޭފްޓީ އެންޑް ސަސްޓޭނަބިލިޓީ” އެވެ.
އަންނަ އަހަރުގެ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ ޕާޓްނަރުންގެ ގޮތުގައި މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ކޯސްޓް ގާޑް)، ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އަދި އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޯޓްސް އެންޑް ހާބާރސް (އައި.އޭ.ޕީ.އެޗް) މިހާރު ވަނީ ހަމަޖެހިފަ އެވެ.
މި ކޮންފަރެންސް ސްޕޮންސަރކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ. ސްޕޮންސާކުރުމަށް ނުވަތަ ޕާޓްނަރަކަށްވުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ ldd@port.mv އަށް އީމެއިލްކުރެއްވުން ނުވަތަ 3039030 / 303 9031 އަށް ގުޅުމަށް އެމްޕީއެލްއިން ވަނީ އެދިފަ އެވެ.