ދާރުލްއަރްޤަމް އިމާރާތްކުރަނީ 2،000 އަކަފޫޓުގެ ބިމެއްގައި 12 ފަންގިފިލާއަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ ބަޖެޓަކީ 39.4 މިލިއަން ރުފިޔާއެވެ. މި މަޝްރޫއު 540 ދުވަސް ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ އާރްސީސީއާއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ދާރުލްއަރްޤަމްގެ ބޭސްމަންޓް ހާއްސަކޮށްފައިވަނީ ޕާކިންގްއަށެވެ. ގްރައުންޑް ފްލޯގައި ރިސެޕްޝަން އޭރިއާއަކާއި ޕާކިންގް އޭރިއާއެއް ހިމެނެ އެވެ. އަދި ދާރުލްއަރްޤަމްގައި އޮފީސް ހިންގާނެ ޖާގަ އާއި ނަމާދު ކުރާނެ ކޮޓަރި އާއި މީޓިން ރޫމްތަކުގެ އިތުރުން ކޮންފަރެންސް ހޯލް ހިމެނެ އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވަގުފްގެ އިމާރާތްތައް ތިން އަހަރުގެ ތެރޭގައި ބިނާކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން މާލޭގެ އިތުރުން ހދ. ކުޅުދުއްފުށި، ގއ. ވިލިނގިލި، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫގައި ވަގުފް މަޝްރޫއެއް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ.
ދާރުލްއަރްޤަމް އިން އަހަރަކު 10.8 މިލިއަން އިސްލާމިކް ވަޤްފު ފަންޑަށް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އާރުސީސީން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމް އެވެ.