ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލުން ވާޖިން އެޓްލާންޓިކަށް ހިދުމަތް ދޭން ފަށައިފިއެވެ.
އައު ޓާމިނަލުން ވާޖިން އެޓްލާންޓިކްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ. މި ރަސްމިއްޔާތުގައި ވާޖިން އެޓްލާންޓިކްގެ އެއާޕޯޓް މެނޭޖަރު އާސިމް ޝައިހް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާޖިން އެޓްލާންޓިކްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 24 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލަށް ކައިރި ކުރި ވާޖިން އެޓްލާންޓިކްގެ ފުރަތަމަ ފްލައިޓް VS384 އިން ރާއްޖެ އައި 258 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ވާޖިން އެޓްލާންޓިކް އަކީ އައު ޓާމިނަލުން ހިދުމަތް ދޭން ފެށި އިނގިރޭސި ވިލާތުގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ 23 އޮކްޓޫބަރު 2023 ގައެވެ. އައު ޓާމިނަލް އިއްޔެ ވަނީ އިނގިރޭސި ވިލާތުގެ ގައުމީ އެއާލައިން, ބްރިޓިޝް އެއާވޭސް އަށްވެސް ހިދުމަތް ދޭން ފަށައިފައެވެ.
ވާޖިން އެޓްލާންޓިކް އާއެކު އައު ޓާމިނަލުން މިހާރު ދަނީ 14 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.