ފުޓުބޯޅަ އިތުރަށް ކުރިއަރުވަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ރައީސް މިހެން ވިދާޅުވީ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް (ފީފާ) ގެ ރައީސް ޖިއަނީ އިންފަންޓީނޯއަށް ރާއްޖެއިން ކީ މަރުހަބާއަށް ޝުކުރު އަދާކުރައްވާ ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވަނީ ރާއްޖޭގައި ފުޓުބޯޅަ ފުޅާކުރުމަށް ފީފާއިން ކެނޑިނޭޅި ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ފުޓުބޯޅަ އިތުރަށް ކުރިއެރުވުމަށް ހާއްސަ އަހައްމިއްޔަތެއް ދެއްވާނޭކަން ތަކުރާރުކުރައްވާފައެވެ. އެގޮތުން، ހުކުރު ދުވަހު ބޭއްވި މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދެއްވާފައިވާނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއެކު ގުޅިގެން މަސައްކަތްކުރެވޭނެ ފުރުސަތުތަކުގެ މައްޗައްކަން އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ. އަދި، ރާއްޖޭގައި ފުޓުބޯޅައަށް އޮތް މަގުބޫލުކަން އިތުރުކުރުމާއި ބެހޭގޮތުންވެސް މަޝްވަރާކުރެވުނުކަމުގައި ރައީސް ވިދާޅުވެފައި ވެއެވެ.
އެފް.އޭ.އެމް ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ބޭއްވި ހާއްސަ އެގްޒިބިޝަން މެޗެއްގައި ރައީސް މުއިއްޒު އާއި، ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ބައިވެރިވެވަޑައިގެން، ދިވެހި ފުޓުބޯޅައިގެ ޑައިމަންޑް ޖުބިލީ ލޯގޯ ވަނީ އިފުތިތާހު ކޮށްދެއްވާފައެވެ.