ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލުން ޗައިނާގެ ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ފަށައިފިއެވެ.
އައު ޓާމިނަލުން ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ބޯޑް ޑިރެކްޓަރު އިބްރާހިމް މަހުދީއެވެ.
މި ރަސްމިއްޔާތުގައި ވިލާ ޓްރެވަލްސްގެ އެއާޕޯޓް ސްޓޭޝަން މެނޭޖަރު މުހައްމަދު ފައްޔާޒު އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޗޮންޗިން އެއާލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 142 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލަށް ކައިރި ކުރި ޗޮންޗިން އެއާލައިންގެ ފުރަތަމަ މަތިންދާބޯޓް OQ2393 އިން ރާއްޖެ އައި 79 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިން, ޗައިނާ ސަދާން އެއާލައިންސްގެ ދަށުން ހިންގާ ޗޮންޗިން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 24 ޖޫން 2024 ގައެވެ.
ޗޮންޗިން އެއާލައިނަކީ އައު ޓާމިނަލުން ހިދުމަތް ދޭން ފެށި 12 ވަނަ އެއާލައިނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ބުނެ އެވެ.