ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ 11 މުވައްޒަފުން، މެލޭޝިއާގެ އިންސީފް ޔުނިވަރސިޓީގައި ކުރިއަށްދާ، ޕްރޮފެޝަނަލް ސެޓްފިކެޓް އިން އިސްލާމިކް ފައިނޭންސް (ޕީ.ސީ.އައި.އެފް) ޕްރޮގްރާމްގެ،އަމަލީ ބައިގައި ބައިވެރިވުމަށް މެލޭޝިއާއަށް ފުރައިފިއެވެ.
މި ތަމްރީނަކީ، ޒަކާތު މެނޭޖްމަންޓްގެ ދާއިރާގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، ޒަކާތު ހައުސްގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނެކެވެ.
ޕީސީއައިއެފް ކޯސް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ޒަކާތުގެ ނިޒާމު ތަރައްގީކުރުމާއި، ޒަކާތު މެނޭޖްމަންޓް އޮނިގަނޑުތަކާއި، ޒަކާތުގެ އިދާރީ ކަންކަން ހަރުދަނާކުރުމުގެ ސްޓްރެޓެޖީތައް ފަދަ މުހިންމު ދާއިރާތަކުގެ މައްޗަށެވެ. މި ކޯހުގައި ބައިވެރިންނަށް ހަމައެކަނި ތިއަރެޓިކަލް މައުލޫމާތު ލިބިދިނުމުގެ ބަދަލުގައި، އަމަލީ ގޮތުން ކަންކަން ހިންގުމަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމަށް ތަޖުރިބާ ހޯދުމުގެ ގޮތުން މެލޭޝިއާގެ އެކި އިދާރާތަކަށް ޒިޔާރަތްކުރުމަށްވެސް ވަނީ ނިންމާފަ އެވެ.
ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ ޝަރުއީ އަސާސުތަކާއި މިންގަނޑުތަކުގައ ބަޔާންކޮށްފައިވާ ގޮތުގައި، ޒަކާތް ނަގައި ޒަކާތް ބެހުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް ދައުލަތުން ކަނޑައަޅައިފައިވާ މީހުންނަކީ، ޒަކާތުގެ ހުކުމްތައް ދަންނަ، ޝަރުއީ ގޮތުން ޒަކާތުގެ އާމިލަކަށް ކޮންމެހެން އެނގުން ލާޒިމުވާ މިންވަރު އެނގޭ ބަޔަކަށް ވާންޖެހެއެވެ.