އިސްލާމީ ދައިރާގެ ތެރެއިން ސަރުކާރުން ހިންގާ 15 މަޝްރޫއުއެއްގެ މަސައްކަތް، އަންނަ އަހަރުގެ ރޯދަ މަހުގެ ކުރިން ނިންމާލެވޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އިސްލާމީ ދާއިރާގެ މަޝްރޫއުތައް ނިންމުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއްދެއްވާކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ މިފަދަ މަޝްރޫއުތައް ނިންމުމަށް ހަވާލުކޮށްފައިވާ އަމިއްލަ ކުންފުނިތަކަށް، މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި 170 އަށް ވުރެ ގިނަ މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
އެގޮތުން އަންނަ ރޯދަ މަހުގެ ކުރިން އިސްލާމީ ދާއިރާގެ ބޮޑު 15 މަޝްރޫއުއެއް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“އޭގެތެރޭގައި 500 ޖާގައިގެ މިސްކިތްތަކާއި 700 މީހުންގެ ޖާގައިގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭނެ” އިސްލާމިކް މިނިސްޓަރު ޝަހީމް
ޝަހީމް ވިދާޅުވި ގޮތުގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް މުޅި ރާއްޖޭގައި ހުޅުވުމަކީ ސަރުކާރުގެ އަމާޒެކެވެ. މިހާރުވެސް ބައެއް ރަށްރަށުގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމަށް ހަވާލުކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.