ވަގަށް އެތެރެކުރަނިކޮށް، ކަސްޓަމްސް އިން ހިފަހައްޓައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައިހުރި ސިނގިރެޓްތައް ގެއްލުނު މައްސަލައިގައި އިތުރު މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި ހުރީ ބަހައްޓާފަ އެވެ. އެ ސިނގިރޭޓު ވަގަށް ނަގާފައިވާކަން އެނގުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އެ މައްސަލާގެ ތަހުގީގު މިހާރުކުރިއަށްދާއިރު ފުލުހުން ވަނީ އެކަމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ 4 މީހަކު ހައްޔަރުކޮށްފައިވާކަން މީގެކުރިން ހާމަކޮށްފަ އެވެ.
ފުލުހުން ބުނެފައިވަނީ ރޭގެ ވަގުތެއްގައި އެ މައްސަލައާ ގުޅުންހުރި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 52 އަހަރުގެ ހަސަން އަބްދުއްރަހުމާނެވެ. ފުލުހުން ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނަށް ވެސް ތުހުމަތުކުރެ ވެ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ވެސް ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް އިތުރުން އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެ އެވެ. އެ މައްސަލައިގައި ކަސްޓަމްސްގައި މަސައްކަތް ކުރި ޒިވާރު އިސްމާއީލާއި ކުރީގެ ސުޕްރިންޑެންޓް މުއާޒް އަލީ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.މި މައްސަލައިގައި 12 މީހަކު ފުރުން ވެސް މަނާކޮށްފައިވެ އެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓީ 1،360 ކޭސް ސިނގިރޭޓެވެ. 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. އެއީ 13.6 މިލިއަން ސިނގިރޭޓެވެ. މި ސިނގިރޭޓަށް 122 މިލިއަން ރުފިޔާގެ ޑިއުޓީ ދައްކަން ޖެހޭނެ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ، މިދިޔަ އާދީއްތަ ދުވަހު މި މައްސަލައިގެ ތަހުގީގަށް ތިލަފުށީގައި ބަލާ ފާސްކުރި ސައިޓުތަކުން، ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
“މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ” ފުލުހުން ބުނެފައިވެ އެވެ.