ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.
މި އެވޯޑް ރާއްޖެއަށް ދީފައިވަނީ މިއަހަރުގެ ވޯލްޑް ޓޫރިޒަމް އެވޯޑްސް ދިނުމަށްޓަކައި ބެލްޖިއަމްގެ ވެރިރަށް، ބްރަސަލްސްގައި މިއަދު ބޭއްވި ހަފުލާއެއްގައެވެ. މި އެވޯޑަކީ ރާއްޖޭގެ ޗާލު ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި ސާފު ރީތި މޫދާއި ފަރުތަކުގެ ދިރުމުގެ މައްޗަށް ބަލައި ދީފައިވާ އެވޯޑެކެވެ.
މިއަހަރުގެ ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގެ އެންމެ ހާއްސަ އެއް އިވެންޓުގެ ގޮތުގައި ކުރިއަށްގެންދިޔަ މިއަހަރުގެ ވޯލްޑް ޓޫރިޒަމް އެވޯޑްސްގައި ރާއްޖެއަށް ލިބުނު މި އެވޯޑާއި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ހަވާލުވެވަޑައިގަތީ ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް، ޑރ މުހައްމަދު ވަހީދު ހަސަނެވެ.
“ރީޑިފައިނިންގ ޓުއަރިޒަމް އިން އަ ޗޭންޖިންގ ވަރލްޑް” މި ޝިއާރުގެ ދަށުން މިހާރު ކުރިއަށްގެންދާ، މިއަހަރުގެ ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގ އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރުން ގުޅިގެން ސިނާއަތުގެ މުސްތަގްބަލު ބައްޓަން ކުރުމަށް އީޖާދީ ވިސްނުމާއެކު އެންމެން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ބާއްވާ ބައްދަލުކުރުމެކެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވާދަކޮށްގެން މިއަހަރުގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބިފައިވާއިރު، ރާއްޖެއަކީ ކަނޑުފަޅުގެ މާހައުލުގެ ގުދުރަތީ ދިރުންތައް ދެމެހެއްޓުމަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލެވެ.