ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލް އިން ސައުދިއާ އަށް ހިދުމަތް ދޭން ފަށައިފިއެވެ.
ސައުދިއާ އަކީ ސައުދީ އަރަބިއާގެ ގައުމީ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 30 މާޗު 2016 ގައެވެ.
އައު ޓާމިނަލުން ސައުދިއާއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދުއެވެ.
ރަސްމިއްޔާތުގައި ސައުދީ އަރަބިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހުތާނީ, ސައުދިއާގެ މެނޭޖަރު އީސަމް އަލް ހަބްސީ އަދި ސައުދިއާގެ އޮޕަރޭޝަންސް މެނޭޖަރު ސާދް އަލް ސާލިހް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސައުދިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, ފުރަތަމަ ފްލައިޓުން ދަތުރުކުރި 57 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލްއަށް ކައިރި ކުރި ސައުދިއާގެ ފުރަތަމަ މަތިންދާބޯޓު، SV838 އިން ރާއްޖެ އައި 127 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ސައުދިއާއަކީ އައު ޓާމިނަލް އިން ހިދުމަތް ދޭން ފެށި 11 ވަނަ އެއާލައިނެވެ. އަދި އައު ޓާމިނަލުން ހިދުމަތް ދޭން ފެށި ސައުދީ އަރަބިއާގެ ފުރަތަމަ އެއާލައިނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ބުނެ އެވެ.