ލ. ކުނަހަންދޫ ގޮނޑދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ރައީސް މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި، މި މަސްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ.
މީގެ ދަށުން، 14,680 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު ފުރުމާއި، 120 މީޓަރުގެ 1,222 ރިވެޓްމެންޓެ ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަޟްރޫއާ 36.07 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމުން އެމްޓީސީއާ ހަވާލުކޮށްފައެވެ.
މީގެ އިތުރުން މިއަދު ވަނީ އެ ރަށުގެ ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަޝްރޫއު ގައިވެސް ސޮއިކޮށްފައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަބްދުالله ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ އެވެ.
މި މަޝްރޫއަކީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަހުގެތެރޭގައި ނިންމުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ކޮންކްރިޓް މަސައްކަތާއި ދަގަނޑުގެ މަސައްކަތާއި ކަރަންޓުގެ މަސައްކަތާއި ޓާފްއެޅުމާއި އިކުއިޕްމެންޓް ހަރުކުރުން ހިމެނެއެވެ.
963 މީހުންގެ އާބާދީއެއް އޮންނަ ކުނަހަންދޫގައި ވޮލީ ކޯޓެއް ތަރައްގީކުރުމުގެ މަޝްރޫއަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ. މި ވޮލީ ކޯޓުގެ މަސައްކަތް ނިމުމުން ރަށުގެ ރައްޔިތުންނަަށް އިޖުތިމާއީ ގޮތުން ކުރިއެރުންތަކެއް ލިބި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް އެމް.ޓީ.ސީ.ސީން ދެކެއެވެ.
މީގެ އިތުރުން ވަނީ ކުނަހަންދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކުރުމުގެ މަޝްރޫއު ވެސް ވަނީ ހަވާލުކޮށްފައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ވެސް ސޮއިކުރެއްވީ މިނިސްޓަރ އަބްދުالله ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ވަޑައިގެންނެވި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުނަހަންދޫ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއުގެ ދަށުން ކުނަހަންދޫގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 4005 އަކަފޫޓުގެ ސަރަހައްދެއްގައެވެ. މި މަޝްރޫއަކީ 4.94 މިލިއަން ރުފިޔާއަށް 240 ދުވަހުގެތެރޭގައި ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
963 މީހުންގެ އާބާދީއެއް އޮންނަ ކުނަހަންދޫގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުވެގެންދިއުމަކީ އެރަށުގެ ރައްޔިތުންނަށް އިޖުތިމާއީގޮތުންނާއި ސިއްހީގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަމެއް ކަމަށް އެމްޓީސީސީން ދެކެއެވެ.
ކޮންމެ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު މިސެންޓަރުތަކުގައި އިންޑޯ ޖިމާއި އެރޮބިކްސް އާއި އެކި ކަހަލަ ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހޭނެއެވެ.