ފެންބޮޑުވުމުގެ މައްސަލައަކީ ކުނަހަންދޫއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި ސޮއިކުރެއްވި މަގުހެދުމުގެ މަޝްރޫޢާއި ގުޅުވާލައިގެން އެ މައްސަލައަށް ދާއިމީ ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުނަހަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު މިއަދު ހަވީރު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަދެއްކެވި އާންމު ރައްޔިތުން ވަނީ ކުނަހަންދޫގައި ހުއްޓިފައި އޮތް ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަލުން ފައްޓަވައިދެއްވުމަށާއި ސޮއިކުރެއްވި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވައި ނިންމަވައިދެއްވުމަށް ރައީސް އަރިހުން އެދިވަޑައިގެންފައެވެ. އަދި މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ހުރި ދަތިތައް ހިއްސާކުރެއްވުމުގެ އިތުރުން، ރަށު ސްކޫލުގެ މަސައްކަތް މިހާރު އެހެން ފަރާތަކާއި ޙަވާލުކުރެވިފައިވީނަމަވެސް މި މަސައްކަތް ދާގޮތް ގާތުން ބައްލަވައިދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
ރައީސްގެ ވާހަކަފުޅުގައި، މިއަދު ފެށި މަޝްރޫޢުތަކާއި ސޮއިކުރި މަޝްރޫޢުތަކުގެ މަސައްކަތް ވަރަށް ސަމާލުކަންދެއްވައިގެން، ވަރަށް އިސްކަންދެއްވައިގެން، ވަރަށް ރަނގަޅަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ކުނަހަންދޫ ރައްޔިތުންނަށް ދެއްވިއެވެ.
ރައީސް ވިދާޅުވީ ކުނަހަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން މޫދަށް އެރޭ ސަރަހައްދެއްވެސް ތަރައްޤީ ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސްކޫލުގެ މަސައްކަތް ފެނަކަ އާއި ހަވާލުކޮށްގެން ކުރިއަށްދާ ކަމަށާއި، މޫސުން ތަންދިނުމުން ބޭނުންވާ ސާމާނު ގެނެސް އަންނަ ދިރާސީ އަހަރަށް އެ މަސައްކަތް ފެނަކައިން ކޮށްދެއްވާނެކަމަށް އުއްމީދު ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަދެއްކެވި ރައްޔިތުން ވަނީ، މިއީ 1978 ވަނަ އަހަރުން ފެށިގެން އިންތިޚާބީ ވެރިޔަކު އެރަށަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެން، ބައްދަލުކުރައްވާ ސަލާމްކުރައްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސް ވަރަށް ބޮޑަށް ޝުކުރުދަންނަވާފައެވެ.